މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހޯދުމުގައި އާންމުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ތައާރަފްކުރާ “މާލެ ޓެކްސީ” ލައިނަށް ހާއްސަ ހޮޓްލައިން ނަންބަރެއް ކަނޑައަޅައި، އެކަން އިއުލާންކޮށްފިއެވެ.
މި ޚިދުމަތް ހިންގައި އޮޕަރޭޓްކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކުރި ގޮތުގައި، “މާލެ ޓެކްސީ” ގެ ޚިދުމަތަށް ކަނޑައަޅާފައިވާ ހާއްސަ ހޮޓްލައިން ނަންބަރަކީ 1655 އެވެ. މި ނަންބަރު މެދުވެރިކޮށް ޚިދުމަތަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަން ވަރަށް އަވަހަށް ފޯރުކޮށްދޭން ފަށާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ސަރުކާރުން މި ޚިދުމަތް ފެށުމަށް ނިންމާފައިވަނީ ޒަމާނީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. 24 ގަޑިއިރު މެދުކެނޑުމެއް ނެތި ދޭ މި ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިމާވެއްޓާ ރައްޓެހި އިލެކްޓްރޯނިކް ވެހިކަލް (އީވީ) ކަން ފާހަގަކޮށްލެވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ، ޚިދުމަތަށް ބޭނުންވާ ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން ތިން މޮޑެލްއެއްގެ ކާރު ދެ ބެޗަކަށް ބަހާލައިގެން ގެނައުމަށް ވަނީ ނިންމާފައެވެ. ފުރަތަމަ ބެޗްގެ ކާރުތައް ތައިލެންޑުން ގެންނައިރު، ދެވަނަ ބެޗް ގެނައުމަށް ހަމަޖެހިފައި ވަނީ ޗައިނާއިންނެވެ.
ސަރުކާރުން މިފަދަ ޓެކްސީ ލައިނެއް ގާއިމުކުރަން ނިންމީ، ޓެކްސީގެ ޚިދުމަތުގައި ހުރި ގިނަގުނަ ޝަކުވާތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށެވެ. މީގެ ކުރިން އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ ދަތުރުތައް ނުނެގުމާއި، ވަކި އުސޫލެއް ނެތި ޚިދުމަތް ހުއްޓާލުމުގެ އިތުރުން، ޚިދުމަތުގެ ފެންވަރު ދަށްވުމެވެ.
ޚިދުމަތް ފެށުމުގެ ތައްޔާރީތަކުގެ ތެރެއިން އެމްޓީސީސީން މިހާރު ދަނީ ޑްރައިވަރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ފުލްޓައިމް އަދި ޕާޓްޓައިމްކޮށް މަސައްކަތް ކުރާނެ މީހުން ހޯދުމަށް ވޯކް-އިން އިންޓަވިއުތައް ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މި ޚިދުމަތުގެ ފުރަތަމަ ފިޔަވަހީގައި ޓެކްސީތައް ދަތުރުކުރާނީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިމެނޭހެން މާލެ ސަރަހައްދުގައެވެ. މި މަޝްރޫއަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެއް ކަމަށް ސަރުކާރުން ދެކެއެވެ.