ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިޔަ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
ތިނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަލްސަން އަހްމަދު، ތިނަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ސައުދުﷲ ހިލްމީގެ އިތުރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ބައިވެރިވެވަޑައިގަތެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހު އާރްޑީސީއާ ހަވާލުކުރި މި މަޝްރޫޢަކީ 341 މިލިޔަން ރުފިޔާގެ ބޮޑު މަޝްރޫޢެކެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ތިނަދޫ ސިޓީގެ ޖުމްލަ 50 މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ ތެރޭގައި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
ތިނަދޫގެ މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކާމިޔާބުކަމާއެކު ނިންމާލާފައިވަނީ އާރްޑީސީންނެވެ. އެ ފިޔަވަހީގެ ދަށުން އެ ސިޓީގެ 14 މަގެއްގައި ތާރު އަޅައި ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ތެރޭގައި ހިމެނެނީ އެރަށުގެ 19.3 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމެވެ. އޭގެ އިތުރުން، ފެން ހިންދާ ނިޒާމް ގާއިމް ކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑު ހަރުކުރުމާއި، ދުވާރު ހެދުންވެސް ހިމެނެއެވެ.
މި މަސައްކަތުގެ އަގަކީ 341،872،868.17ރ. އެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏަށް ދީފައި ވަނީ 1440 ދުވަހެވެ.
ރާއްޖޭގެ ސިޓީތަކާއި އާބާދީ ބޮޑެތި ރަށްތަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން، ތިނަދޫ ސިޓީގެ މަގުތައް ހެދުމުގެ މި މަޝްރޫޢަކީ އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ހިނގާބިނގާވެ އުޅުމުގެ ދަތިތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަގުހެދުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ދަނީ ބާރުސްޕީޑުގައި ކުރިއަށް ގެންދަމުންނެވެ.