: ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ދަށުން ފްލެޓް ނުވަތަ ގޯތި ލިބުމުން، މިހާރު ހުރި ކުދި ބިންކޮޅުތައް ދައުލަތަށް ދޫކޮށްލުމުގެ ބަދަލުގައި އާއިލާގެ މެންބަރަކަށް ދޫކޮށްލެވޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މި އާ އުސޫލު މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ސަރުކާރުން ގެޒެޓް ކުރައްވާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށާއި، އާއިލާތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ނިންމެވި ނިންމެވުމެއްކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮތް ފަރާތަކަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ނުވަތަ ބިމެއް ލިބިއްޖެނަމަ، އެމީހެއްގެ މިލްކިއްޔާތުގައި އޮތް ބިންކޮޅު ދައުލަތަށް ދޫކޮށްލަން ޖެހެއެވެ. ނަމަވެސް، އަލަށް ގެންނަ ބަދަލާއެކު އެ ބިންކޮޅު ދައުލަތަށް ދިނުމުގެ ބަދަލުގައި އަމިއްލަ އާއިލާގެ މީހަކަށް ހަދިޔާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
“އަޅުގަނޑުމެން ބޭނުމެއް ނޫން ސަރުކާރަށް އެ ތަން ނެގުމުގެ އެއްވެސް ކަހަލަ ބާޑަންއެއް ރައްޔިތުންނަށް ޕާސްކުރާކަށެއް. ރައްޔިތުންގެ އާއިލާތަަކުގެ ތެރޭގައި އެ ބިންކޮޅު ބޭއްވޭ ގޮތަށް މި ބަދަލުކުރީ،” ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި އުސޫލުގެ ދަށުން ބިން ދޫކޮށްލެވޭނީ އަނބިމީހާ، ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންނަށެވެ. އަދި މިދިޔަ ސަރުކާރުން ހިންގި ‘ބިންވެރިޔާ’ ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކަށާއި، އެންމެ ފަހުން ދޫކުރި ފްލެޓްތައް ލިބިގެން ބިން ދޫކޮށްލަން ޖެހުނު ފަރާތްތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ.
“އަނބިމީހާ/ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް އެ ބިންކޮޅު ދޫކޮށްލެވޭގޮތަށް އުސޫލު ބަދަލުކުރާނީ. އެމީހަކު ބޭނުންވާ މީހަކަށް ދޫކޮށްލެވޭގޮތަށް. ނިމިދިޔަ ސްކީމްގައި، ފްލެޓް ލިބުނު މީހުންނަށްވެސް، މި އުސޫލުން އެކަން ކުރެވޭގޮތް ހަދާނަން.” ރައީސް ވިދާޅުވިއެވެ.
މި ބަދަލު ގެންނަން ނިންމެވި ސަބަބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ގިނަ ފަރާތްތަކަކުން އެފަދަ ކުދި ބިންތަކުގައި ގެދޮރު ބިނާކުރުމަށް ބޮޑެތި ލޯނުތައް ނަގައި، ގިނަ އިންވެސްޓްމަންޓްތަކެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ބިންތައް ސަރުކާރަށް ނެގުމަކީ އާއިލާތަކަށް ލިބޭ ބޮޑު ގެއްލުމަކަށް ވާތީ، އެ ބިންތައް ސަރުކާރަށް ނެގުމުގެ ގަސްތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ބައެއް ފަރާތްތަކުން އެ ކުޑަ ބިންކޮޅު ތަރައްޤީކުރުމަށްވެސް ލޯނު ނެގުމާއި، އެކި ވަރުގެ ޚަރަދުތައް ކޮށްފައި ހުންނާނީ އާއިލާއަށް އެކަމުގެ މަންފާ ހޯދައިދޭން. އެހެން ނޫންނަމަ އެކަން ވެގެންދަނީ ބޮޑު އިސްރާފަކަށް،” ރައީސް ވިދާޅުވިއެވެ.
ނަމަވެސް، ޖޮއިންޓް އެޕްލިކޭޝަންތަކުގެ ތެރެއިން މުޅި ގޯތި އެއްކޮށް ދޫކޮށްލަން އެއްބަސްވެގެން ބޯހިޔާވަހިކަން ހޯދާ ފަރާތްތަކާއި، ލާއްޖައްސާ އުސޫލުން މުޅި ގޯތި ދޫކޮށްލާ ފަރާތްތަކުން އަދިވެސް އެ ބިންތައް ދައުލަތަށް ދޫކޮށްލަން ޖެހޭނެކަން ރައީސް ވަނީ ސާފުކޮށްދެއްވާފައެވެ. ސަރުކާރަށް ދޫކޮށްލަން ޝަރުތުކުރާނީ އެމީހެއްގެ ނަންމަތީގައި ސޯޝަލް ސްކީމަކުން ލިބިފައިވާ ފްލެޓެއް ފަދަ ބޯހިޔާވަހިކަމެއް އޮންނަ ހާލަތްތަކުގައެވެ.
މި އާ އުސޫލު އާންމުކުރުމުން، މީގެ ކުރިން ބިން ދޫކޮށްލަން ޖެހުނު ފަރާތްތަކަށްވެސް އެ ބިންތައް އާއިލާގެ މީހެއްގެ ނަންމައްޗަށް ބަދަލުކުރުމުގެ ފުރުސަތަށް އެދި ހުށަހެޅޭނެއެވެ.