ކަޅުބިލަމަހުގެ މަސްވެރިންނެކޭ އެއްފަދައިން ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް އެސްޓިއޯ އިން ވިއްކާ ތެލަށް ސަބްސިޑީ ދިނުމަށް ސަރުކާރުން ނިންމަވައި، އެކަން މިއަދު އަމަލީގޮތުން ތަންފީޒުކުރަން ފަށައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، ހުޅުމާލެ އެފްއެސްއެމް ޓާމިނަލުންނާއި ކ. ހިންމަފުށި އެފްއެސްއެމް ޝެޑުން ތެޔޮ އަޅާ ބޮޑު ކަންނެލި މަސްވެރިކަން ކުރާ ދޯނިތަކަށް މިއަދުން ފެށިގެން ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ މިހާރުވެސް ކަޅުބިލަމަހުގެ މަސްވެރިންނަށް ދެމުންދާ އިނާޔަތެކެވެ.
މި ނިންމެވުމަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
ދުނިޔޭގެ އިގްތިސޯދަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭގެ އިގްތިސޯދު ހިފެހެއްޓުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާއިރު، މިހާރު ތެލުގެ އަގު ހުރި މިންވަރަށް ވުރެ އިތުރަށް ބޮޑު ނުކުރާނެކަމުގެ ޔަގީންކަންވެސް ސަރުކާރުން އިއްޔެ ވަނީ ދީފައެވެ. މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން، ކަންނެލި މަސްވެރިންގެ އޮޕަރޭޝަނަލް ހަރަދުތައް ކުޑަވެ، މަސްވެރިކަމުން ލިބޭ ނަފާ އިތުރުވެގެންދާނެއެވެ.