ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، އެކަމަށް ހާއްސަ ބިލެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހާމަކުރެއްވި ގޮތުގައި، މަރުގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ބޭނުންވާ ހާއްސަ ބިލު ޑްރާފްޓުކުރުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. މި ބިލުގެ މަސައްކަތްތައް ނިމުމާ ގާތްވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގެ ތެރޭގައި އެ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، މަރުގެ އަދަބު ތަންފީޒު ކުރުމަކީ ހަމައެކަނި ގަވައިދެއްގެ ދަށުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ވަރުގަދަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން، ޚާއްޞަ ގާނޫނެއްގެ ދަށުން ތަންފީޒުކުރަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މަރުގެ އަދަބު ތަންފީޒު ކުރުމަށް ޚާއްޞަ ގާނޫނެއް ގެނައުމަށް އެކަމާ ބެހޭ ބިލެއް އެބަ ތައްޔާރު ކުރަން. މި ބިލު ނިމުމަކާ ހަމައަށް ގޮސްފައިވަނީ. މިހާރު ހިނގަމުންދާ މަޖިލީހުގެ މި ދައުރުގެ ތެރޭގައި، މި ބިލު އަޅުގަނޑުމެން މަޖިލީހަށް ފޮނުވާނަން،” ރައީސް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ޝަރުޢީ ހުރިހާ މަރުޙަލާއެއް ފުރިހަމަވެ، މަރުގެ ހުކުމް އިއްވާފައިވާ ފަރާތްތަކަށް އެ އަދަބު ތަންފީޒު ނުކޮށް މަޑުޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އޮތް ބާރެއް ނޫން ކަމަށެވެ. އަދި އެ ބިލު ތަސްދީގު ކުރެވުމުން، ހުރިހާ މަރުޙަލާއެއް ނިމިފައިވާ ފަރާތްތަކުގެ މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
“ހުރިހާ މަރުހަލާއެއް ނިމިފައިވާ ފަރާތަކަށް މަރުގެ ހުކުމް ތަންފީޒުނުކޮށް ބެހެއްޓުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާއަށް އޮތް ޗޮއިސްއެއް ނޫން. އެ މަރާލިފަރާތުގެ އާއިލާއިންވެސް މާފު ނުކުރާ، ހުރިހާ މަރުހަލާއެއްވެސް ނިމިފައިވާ ފަރާތްތައް އެބަތިބި އަދިވެސް ހަމަ ތިބިގޮތަށް ތިބީ. ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ގެނެވުނު އިސްލާހަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެފަދަ ފަރާތްތަކަށްވެސް މިހާތަނަށް އަދަބު ތަންފީޒު ކުރެވިފައި ނުވަނީ އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ފުރިހަމަވެފައި ނެތުމުން ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި އަދުލު އިންސާފާއި އިޖުތިމާއީ އިންސާފު ގާއިމްކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. “އިސްލާމީ ގައުމެއްގައި އެ އޮންނަ އުސޫލުގެ ދަށުން ހުރިހާ ކަމެއް ފުރިހަމަވެފައިވާއިރު އެކަން ހިފެހެއްޓުމަކީ ދައުލަތަށް އޮތް ޗޮއިސްއެއް ނޫން،” ކަމަށް ވިދާޅުވެ ރައީސް އެމަނިކުފާނުގެ ސިޔާސަތު ސާފުކޮށްދެއްވިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މިއީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމުގެ ބަހުސް އަނެއްކާވެސް އާވެގެންދިޔަ ކަމެކެވެ.