ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި، މަޖިލީހުގެ ވަކި އިންސައްތައެއް އަންހެނުންނާއި 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައެޅުމަށް ދިރާސާކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް މެންބަރުންގެ އަދަދު ކޮންމެ އިންތިޚާބަކާ ދިމާކޮށް އިތުރުވަމުންދާ ދިއުން ހުއްޓުވުމަކީ ރައްޔިތުން އެދޭ ގޮތް ކަމަށެވެ. އަދި މި ބަދަލު ގެންނައިރު މަޖިލީހުގެ އެކުލެވުމަށް މުހިންމު ދެ އިޞްލާޙެއް ގެނައުމަށް ސަރުކާރުން ގަސްދުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ އިތުރުވުން ހުއްޓުމަކަށް ގެނައުމަށް ގެނެވޭ އިސްލާހު ގެނެވޭ އިރުގައި އަޅުގަނޑުމެން ހުށަހަޅަން ގަސްދުކުރަން ދިރާސާކުރެވެމުންދާ ދެ ކަމެއް އެބައޮތް، އެއް ކަމަކީ ވަކި އިންސައްތައެއް އެއީ 30 އަހަރުންދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން މަޖިލިސް މެންބަރުންގެ އަދަދުގެ ތެރޭ ވަކި އިންސައްތައެއް، އަދި ހަމަ އެފަދައިން ވަކި އިންސައްތައެއް އެއީ އަންހެނުން ކަމުގައި ކަނޑައެޅުން” ރައީސް ވިދާޅުވިއެވެ.
ކައުންސިލުތައް އެކުލެވިފައި އޮންނަ ގޮތަށް ބަލާއިރު، ކޮންމެ ކައުންސިލެއްގައި ވެސް އަންހެނުންނަށް ޚާއްސަ އަދަދެއް ކަނޑައަޅައިފައި އޮންނަ ކަމާއި، ނަމަވެސް ރައްޔިތުންގެ މަޖިލީހުގައި އަދި ޒުވާނުންނަށް ވެސް އަންހެނުންނަށް ވެސް ޚާއްސަ އަދަދެއް މިހާތަނަށް ކަނޑައެޅިފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި އިސްލާހުތައް މަޖިލީހަށް ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ. ނަމަވެސް ސީދާ ހުށަހަޅުއްވާނެ ވަގުތެއް ވިދާޅެއްނުވެއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޤާނޫނުއަސާސީގައި މިހާރު އޮތް ގޮތުން ކޮންމެ 5،000 ރައްޔިތަކަށް މެންބަރަކު އިތުރުވާތީ، ކުރިއަށް އޮތް ތަނުގައި މަޖިލިސް މެންބަރުންގެ އަދަދު 100 އަށްވުރެ މައްޗަށް ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އެމަނިކުފާނުގެ ވިސްނުންފުޅަކީ މަޖިލީހުގެ މެންބަރުންގެ އަދަދު 93 ގައި ހިފެހެއްޓުން ކަމަށް މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
“ފުރަތަމަ ފެށުނު އިރުގައި 70 ވަރަކަށް މެމްބަރުން ތިބީ. އިތުރުވަމުން ވެސް ގޮސް މިހާރު 93 މެމްބަރުން އެބަތިބި. ރާއްޖޭގެ އާބާދީ ބޮޑުވާ ވަރަކަށް އެ އަރައިފާނެ 100 އަށް ވެސް. އެއީ ރަނގަޅު ގޮތެއް ނޫން. އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ އިތުރުވުމަށް އިސްލާހެއް ގެންނަން ޖެހޭ. މިކަން ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހެ ގެނެސްގެން. މިކަން ކުރުމުގައި އިންތިހާބު އެއް ދުވަހުގައި ބޭއްވުމަށް ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކޮށް އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ނިޒާމަށް ގެންނަންޖެހޭ ބަދަލުތަކުގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާއި، ރިޔާސީ އިންތިޚާބު އެއްބުރުން ބޭއްވޭނެ ގޮތްތަކާ މެދުވެސް ދިރާސާ ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރިޔާސީ ދައުރު ފަށާ ތާރީޚަކީ ނޮވެމްބަރު 11 ކަމުގައި ހަމަޖެއްސުމަށް ގެންނަންޖެހޭ ބަދަލުތައްވެސް މި އިޞްލާޙުތަކާ ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ހުށަހަޅުއްވާފައިވާ ގަރާރު މިހާރު އޮތީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައެވެ. ރައީސް ވިދާޅުވީ މި ހުރިހާ ބަދަލެއްވެސް ގެންނާނީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކަށްފަހު، ރައްޔިތުން ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.