މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމުގެ ފަރާތުން ކައުންސިލަރުންނަށް އެހީތެރިކަމާއި އެއްބާރުލުން ނުލިބޭ ކަމަށާއި، ޕީއެންސީ ކައުންސިލަރުންގެ ފިޔަކޮށާލާފައި ތިބޭ ކަމަށް މާފަންނު ދެކުނުދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ބޮޗޭ ވިދާޅުވީި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލް މެންބަރަކަށް މިހާރު ހުންނެވި އާމިނަތު ރިޝްފާ އަހުމަދުގެ ފިޔަކޮށާލާފައި ހުންނެވި ކަމަށާއި އެ ދާއިރާއަށް އެއްވެސް ތަރައްގީއެއް ނޫނީ ދާއިރާއަށް ބޭނުންވާ އެއްވެސް ކަމެއް ކައުންސިލް ތެރެއިން ނުވާ ކަމަށެވެ. އެކަން އެގޮތަށް އެވަނީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ އެހީތެރިކަމެއް ނުލިބޭތީކަން އޭނާ ފާހަގަކުރެއްވިއެވެ.
“މި ދާއިރާގަ މިހުރި މަގުތައް ރަނގަޅުނުކުރެވިގެން މިއުޅެނީ މޭޔަރުގެ އެހީތެރިކަން ނުލިބޭތީ. ” ބޮޗޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މަގުތަކުގެ ހާލަތު ދެރަވެ މޭޔަރު އަރިހުގައި އާދޭސްކުރާތާ އެތައް ދުވަހެއްވީއިރުވެސް އެއްވެސް ހައްލެއް ނުލިބި އޮވެފަ އިންތިހާބާ ދިމާކޮށް މަގުތައް ދަނީ ހަދަމުންނެވެ.
އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތްކުރައްވާ ސްޕީޑުގެ ދެގުނަ މަސައްކަތް ކުރައްވާނެ ބޭފުޅެއް މާލެ ސިޓީ ކައުންސިލުގެ މޭޔަރަކަށް ބޭނުންވާ ކަމަށާއި އެ ބޭފުޅަކީ މޭޔަރު ކެނޑިޑޭޓް މޫސާ އަލީ ޖަލީލުކަމަށް ބޮޗޭ ވިދާޅުވިއެވެ. އަދި ގައުމުދެކެ ލޯބިވާނެ އިތުރު ބޭފުޅަކު މޫސާ އަލީ ޖަލީލު ނޫނީ ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
މާލެ އޮންނަނީ ދެފަރާތަށް އަރި އަޅާލާފަކަން ފާހަގަކުރައްވަމުން ބޮޗޭ ވިދާޅުވީ ވާރޭ ހަމަ ކުޑަކޮށްވެސް ވެހިލާއިރަށް މާލޭގެ މަގުތައް ފެންބޮޑުވާ ކަމަށާއި މާލޭ މަގުތަކުގެ ތަކުލީފު ހައްލުކުރުމަށް ރައީސް މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޗައިނާއަށްކުރެއްވި ދަތުރުފުޅުގައި މާލޭގެ މަގުތައް ހެދުމަށާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެމަނިކުފާނު އިސްަން ދެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
“މި ދެކަންތައްތަކަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެހީތެރިކަމާއެކީގައި މިއަހަރުތެރޭގައި މި މަސައްކަތް ފެށިގެންދާނެ.” ބޮޗޭ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މި ސަރުކާރުގައި ކުރިޔަށް އޮތް ތިން އަހަރު އާދަޔާ ހިލާފު ވަރުގަދަ ތަރައްގީއެއް މާލެއަށް ގެންނާނެ ކަމަށެވެ. އެހެންކަމުން ތަރައްގީ ގެނައުމަށްޓަކައި ދޫންޏަށް ވޯޓު ދިނުމަށް ބޮޗޭ ވަނީ އިލްތިމާސްކޮށްފައެވެ.