އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ކިބައިގައި ގައުމަށް ހިދުމަތް ކުރުމުގެ އެއްވެސް އިހުލާސްތެރި ވިސްނުމެއް ނެތް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހެންވޭރު ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، ކުރީ ސަރުކާރުތަކުގެ ހަމައެކަނި އަމާޒަކީ ވެރިކަން ހޯދުން ކަމަށާއި، ގައުމީ ތަރައްގީއަށް އޮތް ސިޔާސަތެއް ނުވަތަ ތަސައްވުރެއް އެ ބޭފުޅުންގެ ނެތް ކަމަށެވެ. އަދި ސިޔާސީ މަސައްކަތުގައި އުޅެންވާނީ ގައުމަށް ހިދުމަތް ކުރުމުގެ ނިޔަތުގައި ކަމަށާއި، އެ ނޫން ބޭނުމެއްގައި އުޅޭ ފަރާތްތަކުން ގެއަށް ވަޑައިގަތުމަށް ނާޒިމް ގޮވާލެއްވިއެވެ.
“ދުނިޔޭގެ އިދިކޮޅު ޕާޓީގައި ތިބެގެންވެސް މީހުން ގައުމަށް ހިދުމަތްކުރޭ. އެެހެންނަމަވެސް މި ބޭފުޅުންގެ މި ވިސްނުމެއް، މި ފިކުރެއް ނެތް” އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން މިނިސްޓަރު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ދައުލަތުގެ އިދާރާތައް އޮތީ ވިއްސިވިހާލިވެފައިކަން ފާހަގަކުރައްވައި، ނާޒިމް ވިދާޅުވީ ސަރުކާރުގެ ފުރަތަމަ މަސައްކަތަކަށްވީ އެ މުއައްސަސާތައް ހަމަމަގަށް އެޅުވުން ކަމަށެވެ. އެގޮތުން ކުރީ ސަރުކާރުން ހިންގާފައިވާ ބައެއް އިހުމާލުތަކަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މަގާމާ ހަވާލުވެވަޑައިގެން ބެއްލެވިއިރު، ކޮވިޑް-19 އާ ގުޅިގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ތަކެތި ލިބިފައިނުވާކަން ވަނީ ހާމަވެފައެވެ. އަދި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ހަވާލުވެވަޑައިގެންނެވިއިރު މަސްވެރިންނަށް އެތަކެއް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ ހުރިކަން ފާހަގަކުރެވުނު ނަމަވެސް، މިހާރު މި ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފިނޭންސް މިނިސްޓްރީން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ނުދީ ހުރިކަމާއި، އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އޮފީހާ ހަވާލުވެވަޑައިގެން ބެއްލެވިއިރު ގޮތް ނޭނގޭ އެތަކެއް އެއްބަސްވުންތަކެއްގައި ސޮއިކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޮޑު ބައެއް ވިއްކާލާފައިވާކަން އެނގިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
“އިދިކޮޅު ފަރާތްތަކުން ދިވެހިރާއްޖޭގެ ވެރިކަމާ ހަވާލުވެ، ދިވެހިރާއްޖެ ހިންގެވުމުގައި ނޫނީ އެބޭފުޅުން ޖެއްސެވި ސަކަރާތް އެއީ މިއަދު އަޅުގަނޑުމެން ހަދާނަށް ގެންނަން ޖެހޭ ކަމެއް. މިދެންނެވި މާޒީން އަޅުގަނޑުމެން މުސްތަގުބަލް ކުރަހާއިރު، މާޒީގައި ހެދިފައި ހުރި ގޯސްތަކަށް ނޫނީ ލިބިފައި ހުރި ކާމިޔާބީތަކަށް އަޅުގަނޑުމެން ރިޔާއަތްނުކޮށް އޭޕްރީލްމހުގެ4 ވަނަ ދުވަހުގެ ވޯޓާ ހަމައަށް ދިޔުމަކީ އަޅުގަނޑު ކުރިން ވިދާޅުވި ގާނޫނީ ވާޖިބު އަދާކުރި ކަމަކަށް އަޅުގަނޑު ނުދެކެން.” ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު އަންނަނީ ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދުމަށާއި، ދައުލަތުގެ ދަރަނި ދެއްކުމުގެ އިތުރުން އިގްތިސޯދު ހަމަމަގަށް އެޅުވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ކަމަށެވެ. ތަރައްގީވަމުން އަންނަ ގައުމަކަށް ސިޔާސީ ހަމަނުޖެހުމަކީ ބޮޑު ހުރަހެއް ކަމަށާއި، މުހިންމީ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.