ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމުގެ ޔަޤީންކަން މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ދެއްވައިފި އެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޚަރަދު ކުޑަކުރުމުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފަޔާއި އިރުޝާދު ހޯއްދަވަމުންދާ ކަމަށެވެ. އެގޮތުން ރައީސްގެ އެންމެ ބޮޑު އިރުޝާދަކީ، ބޭސްފަރުވާއާއި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސެވުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
“ސިއްޙީ ކަންކަމަކީ އެކަމަށް ބަދަލެއް ގެނެވޭނެ ކަންކަމެއް ނޫން. ރައީސް އިރުޝާދު ދެއްވީ މެޑިކަލް އެއްވެސް ކަމަކަށް ބުރޫ ނާރާގޮތަށް ގެންދަން. ދެން މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަސައްކަތްތައްވެސް ނުހުއްޓި ގެންދިއުމަށް. އެހެންވީމަ ޕްރޮޖެކްޓްތަކުގެ ޝެޑިއުލްތަކަށް ބައެއް ބަދަލު ގެނެސްގެން ކޭޝް ފްލޯ މެނޭޖް ކުރެވިދާނެ،” ވަޒީރު ޒަމީރު ވިދާޅުވިއެވެ.
ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އިޤްތިޞާދަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ހަނގުރާމަ ދިގުލައިގެންދާނަމަ ބައެއް މަސައްކަތްތަކުގެ ތާރީޚުތައް ފަސްކުރުމުގެ އިޚްތިޔާރު ސަރުކާރަށް އޮތް ކަމަށެވެ. މީރާއާއި އެމްއެމްއޭ އަދި މާލީ ވުޒާރާގެ އަންދާޒާތަކުން ދައްކާގޮތުގައި، ހަނގުރާމަ މިގޮތަށް ކުރިއަށްދާނަމަ ރާއްޖެއަށް މަހަކު 85 އާއި 95 މިލިއަން ރުފިޔާއާ ދެމެދުގެ ގެއްލުމެއް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ރައްޔިތުންނަށް ދަތިނުވާގޮތަށް ޙަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަން ސަރުކާރުން މަޝްވަރާކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ސަރުކާރުގެ ވިސްނުމަކީ. ހަނގުރާމަ މިގޮތަށް ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން.” ވަޒީރު ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް މިހާތަނަށް ރަސްމީކޮށް އިއުލާނު ނުކޮށް އޮތީ، ހާލަތަށް ވަރަށް ބޮޑަށް ރިއާޔަތްކުރުމަށްފަހު މެނުވީ އެކަން ނުކުރުމުގެ ގޮތުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކަށް އެއްވެސް ބުރޫއެއް އެރިޔަނުދީ، ކަންކަން ކުރިއަށް ގެންދިއުން ކަމަށް މާލީ ވަޒީރުގެ ވާހަކަފުޅުގައި ތަކުރާރުކުރެއްވިއެވެ.