ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލެމުންދިޔަ ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ތެލުގެ އަގު ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ކޮމިޓީން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ ދެގުނައަށް ވުރެ ބޮޑަށް އުފުލިފައި ކަމަށެވެ. އެގޮތުން ބައެއް ފަހަރު ތެޔޮ ފީފާއެއްގެ އަގު 160 ޑޮލަރާ ގާތަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
“އެކަމަކު ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި ތެލުގެ އަގު އަނެއްކާވެސް އިތުރަށް ބަދަލު ކުރުމުގެ ވިސްނުމެއް ސަރުކާރުގައެއް ނެތް،” ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ތެލުގެ އަގު ހިފެހެއްޓުމަށް ސަރުކާރުން މިހާރުވެސް ދަނީ ބޮޑު ހޭދައެއްކޮށް ސަބްސިޑައިޒް ކުރަމުންނެވެ. މިގޮތަށް ނިންމެވީ އާންމު ރައްޔިތުންނާއި މަސްވެރިން ފަދަ މުހިންމު ދާއިރާތަކަށް ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ކުރިމަތިވެދާނެ ތަކުލީފުތަކުން ސަލާމަތްކުރުމަށްޓަކައެވެ.
އޭޕްރިލް ދޭއް ތިނެއް ހިސާބުގައި އަަންނާނެ ސިންގަޕޫރުން ބަރުކޮށްގެން އަންނަ އުޅަނދެއް، އޭގައިވެސް ޑީސަލް އާއި ޕެޓެރޯލް ހުންނާނެ، އަދި އޭޕްރިލް ހަތަރެއް ނޫނީ ފަހެއް ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ، އަޅުގަނޑުމެންގެ ސްޕޮޓުން ހަޔާކޮށްގެން އަންނަ ވެސަލް އެބަ އާދޭ، އެހެންވީމަ ދުވަހުން، ދުވަހަށް ބޭނުންވާނެ ތެޔޮ އިރާދަކުރެއްވިއްްޔާ އެބަހުރި” ޒަމީރު ވިދާޅުވިއެވެ.
ރާއްޖޭގައި ތެލުގެ ރިޒާވް ހުރި މިންވަރާ ބެހޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ރާއްޖޭގައި ތެލުގެ ސްޓޮކް އެކަށީގެންވާ ވަރަށް އެބަހުރި ކަމަށެވެ. އަދި ދާދި ފަހުން އެސްޓީއޯގެ ދެ އުޅަނދު ކަމަށްވާ ‘އަލިމަސް’ އަދި ‘ނިއޯން’ އިން ތެޔޮ ހުސްކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އިތުރު ދެ ޝިޕްމަންޓެއް ރާއްޖެ އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެސްޓީއޯއިން އޯޑަރުކޮށްގެން ގެންނަ ތެލުގެ ޝިޕްމަންޓްތަކުގެ ތަފްސީލް ދެއްވަމުން މިނިސްޓަރު ވިދާޅުވީ:
- އޭޕްރީލް 2 ނުވަތަ 3 ހިސާބުގައި ސިންގަޕޫރުން ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން އުޅަނދެއް އަންނާނެ ކަމަށް.
- އޭޕްރީލް 4 ނުވަތަ 5 ހިސާބުގައި އޮމާންގެ ސޮހާރުން ބަރުކޮށްގެން އަންނަ ޝިޕްމަންޓެއް ރާއްޖެއަށް ފޯރާނެ ކަމަށް.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ސައީދު ވިދާޅުވީ މިދިޔަ ހަފުތާގައިވެސް ތެލުގެ ދެ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި އެންމެ ފަހުން ގެނައި ޝިޕްމަންޓުގައި 17 ދުވަހަށް ބޭނުންވާ ވަރަށް ތެޔޮ ހުއްޓެވެ.
ސަރުކާރުން ބުނީ ދުނިޔޭގެ ބާޒާރުގެ ހާލަތަށް ބަލައި، ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް ތެލުގެ ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.