މެދުއިރުމަތީގައި އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ އެއްވެސް ބޭނުމަކަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ އެއްވެސް ގައުމަކަށް ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން މިއަދު ތަކުރާރުކޮށްފިއެވެ.
މިކަން ހާމަކުރެއްވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުމުން، މިދިޔަ މާރިޗު މަހުގެ 12 ވަނަ ދުވަހުވެސް ސަރުކާރުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ. އަދި މިއަދުވެސް ސަރުކާރުގެ އެ ނިންމެވުމަށް ބަދަލެއް ނާަންނަކަމުގެ ޔަގީންކަން ރައްޔިތުންނަށް އެމަނިކުފާނު އެރުވިއެވެ.
“ރާއްޖޭގެ ވައިގެ ސަރަހައްދުން އެއްވެސް ގައުމަކަށް، އެއްވެސް ގައުމަކަށް ހަމަލާދިނުމަށް ބޭނުންކުރެވިފައި ނުވާނެ ކަން އަޅުގަނޑު ހަމަ ދަންނަވާލަން. އަދި އެފަދަ އަންނަ ރިކުއެސްޓުތައް ވެސް އަޅުގަނޑުމެން ރިޖެކްޓު ކުރަމުންދާ ކަން ތިބޭފުޅުންގެ މައުލޫމާތަށްޓަކާ ދަންނަވާލަން،” ވަޒީރު ޔަގީންކަން ދެއްވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު އިތުރަށް ދެއްވި މައުލޫމާތުގައި، ހަނގުރާމައިގެ ސަބަބުން ނުރައްކާވެފައިވާ ސަރަހައްދުތަކުގައި ތިބި ދިވެހިންގެ ހާލަތު ސަރުކާރުން ގާތުން ބަލަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން ފުޖެއިރާ ސަރަހައްދަށް ދިން ހަމަލާތަކާ ގުޅިގެން، އެ ސަރަހައްދުގައި ތިބި ދިވެހި ތިން ދަރިވަރަކު މިހާރު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުގައި އުޅޭ ދިވެހިން، އެ ގައުމުތަކުގެ ސަރުކާރުތަކުން ނެރޭ ރައްކާތެރިކަމުގެ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށްވެސް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
އިގްތިސާދީ ގޮތުން ކުރިމަތިވެދާނެ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. ތެލުގެ އަގު ދެގުނަ ބޮޑުވެފައިވީ ނަމަވެސް، ރާއްޖޭގެ އެކުވެރި ގައުމުތަކާ މަޝްވަރާކޮށްގެން ތެޔޮ ހޯދުމުގެ އިތުރު މަގުތައް ސަރުކާރުން ހޯދަމުންދާ ކަމަށާއި، ރައްޔިތުންނަށް އަތްފޯރާ ފަށުގައި އަގުތައް ހިފެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ކާބޯތަކެއްޗާއި ޒަރޫރީ ސާމާނު ހޯދުމުގައި އެހެނިހެން މާކެޓުތައް ހޯދުމާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މި ހަނގުރާމައިގެ ސަބަބުން ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ދަތިތަކެއް ކުރިމަތިވިޔަނުދީ ކަންކަން މެނޭޖުކުރުމެވެ.