ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ހަނގުރާމަތައް ދިގުލައިގެންދާނަމަ، ރައްޔިތުންނަށް އުނދަގޫނުވާނެ ގޮތެއްގެ މަތިން ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާ ކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެ އެވެ.
މިކަމަށްޓަކައި ޚާއްސަކޮށް އުފައްދާފައިވާ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތައް ސަރުކާރުން ވަރަށް ގާތުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި މި ޙާލަތާ ގުޅިގެން ވަގުތީ ގޮތުންނާއި ދުރުރާސްތާއަށް އަމާޒުކޮށްގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ތެލާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. ރާއްޖެއަށް މައިގަނޑު ގޮތެއްގައި ތެޔޮ އެތެރެކުރަނީ މެދުއިރުމަތިން ކަމަށްވާތީ، ތެޔޮ ހޯދުމުގައި ވަކި ޤައުމަކަށް ބަރޯސާވުން ކުޑަކޮށް، އެ ޚިދުމަތް “ޑައިވަރސިފައި” ކުރުމަށްޓަކައި އަވަށްޓެރި ޤައުމުތަކާއެކު މަޝްވަރާކޮށް ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ޤައުމުތަކެއްކަން ހާމައެއް ނުކުރައްވަ އެވެ.
ކާބޯތަކެތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖޭގައި ކާބޯތަކެތީގެ ސްޓޮކް ރައްކާކުރެވޭ މިންވަރު ނުވަތަ “ސްޓޯރޭޖް ކެޕޭސިޓީ” އިތުރުކުރުމުގެ ޕްލޭންތައް އެކުލަވާލަމުންދާ ކަމަށެވެ. އަދި ޒަރޫރީ ކާބޯތަކެތި ހޯދުމަށްޓަކައި އިތުރު މާކެޓްތަކާއެކު ކުރަމުންދާ މަސައްކަތްތައް މިހާރު އިތުރު ހަރުފަތަކަށް ގެންދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
“އަޅާ ފިޔަވަޅުތަކަކީ ރައްޔިތުންނަށް ބުރައަކަށް، ތަކުލީފަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ސަރުކާރުގެ ވިސްނުމަކީ. ހަނގުރާމަ މިގޮތަށް ދާނަމަ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ދަނީ މަޝްވަރާ ކުރަމުން.” ވަޒީރު ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރުމުގެ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ. ޚަލީލު ވިދާޅުވީ، ސަރުކާރުގެ ވިސްނުމަކީ އަޅާ ކޮންމެ ފިޔަވަޅަކީވެސް ރައްޔިތުންނަށް ބުރައަކަށް ނުވަތަ ތަކުލީފަކަށް ނުވާނެ ގޮތަކަށް އެޅޭ ފިޔަވަޅަކަށް ހެދުން ކަމަށެވެ. އެހެންކަމުން
މިދިޔަ މަހުގެ 28 ވަނަ ދުވަހު ފެށިގެންދިިޔަ ހަނގުރާމަ ދިގުލައިގެންދާއިރު، ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތަކެއް ހޯދަމުން އަންނަ ކަމަށާއި، މިކަމުގައި އަވަށްޓެރި ގައުމުތަކުން އީޖާބީ ޖަވާބުތަކެއް ލިބެމުންދާ ކަމަށް ވެސް ހަލީލުގެ ވާހަކައިގައި ފާހަގަކުރެއްވިއެެވެ.
ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި، އެކި ގައުމުތަކާއެކު މަޝްވަރާ ކުރަމުންދާއިރު، މިކަން ސިންދަފާތު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މިނިސްޓަަރު ވިދާޅުވިއެވެ. އަދި ޒަރޫރީ ތަކެތި ހޯދުމުގައި ވެސް އެހެނިހެން މާކެޓުތައް ހޯދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން ކަމަށްވެސް ހަލީލު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭރުގެ ޤައުމުތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޔޫއޭއީގެ ފުޖޭރާ ސަރަޙައްދުގައި ތިބި ތިން ދަރިވަރަކު ރައްކާތެރި ސަރަޙައްދުތަކަށް ބަދަލުކުރުމުގައި ސަރުކާރުން އެހީތެރިވެދީފައިވާ ކަމަށެވެ. އަދި ބޭރުގައި ދިރިއުޅޭ ދިވެހިންނާއި ދަރިވަރުން، އެ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ވަޒީރު ވަނީ، ހަނގުރާމައިގެ އެއްވެސް ހަރަކާތަކަށް ރާއްޖޭގެ ވައިގެ ސަރަޙައްދު ބޭނުންކުރުމުގެ ހުއްދަ ނުދޭނެ ކަމަށާއި، އަދި މިހާތަނަށްވެސް އެފަދަ ކަމަކަށް ވައިގެ ސަރަޙައްދު ބޭނުންކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.