ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
މި މަޝްރޫޢަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަބްސިޑަރީއެއް ކަމަށްވާ “ބީއެމްއެލް އެފޯޑަބަލް ލީސިންގ ޕްރައިވެޓް ލިމިޓެޑް” އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަސައްކަތް ފެށުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އާއި، ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބް އަދި ސީއީއޯ މުޙައްމަދު ޝަރީފްގެ އިތުރުން މަޝްރޫޢުގެ ކޮންޓްރެކްޓަރު ކަމަށްވާ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) ގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހުޅުމާލެ ފޭސް 3 ގައި ކުރިއަށްދާ މި މަޝްރޫޢުގެ ކޮންޓްރެކްޓަރަކީ ޗައިނާގެ ސީއެމްއީސީ އެވެ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

ބީއެމްއެލް އެފޯޑަބަލް ލީސިންގ މެދުވެރިކޮށް ހުޅުމާލެ އާއި ވިލިމާލޭގައި ޖުމްލަ 3,260 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުތައް ބެހިފައިވާ ގޮތުގެ ތަފްޞީލަކީ:
- ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ): 1,224 ޔުނިޓު (ހުޅުމާލެ ފޭސް 3)
- ބެއިންޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ): 1,190 ޔުނިޓު (ހުޅުމާލެ ފޭސް 3)
- އަމިން ކޮންސްޓްރަކްޝަން: 364 ޔުނިޓު (ހުޅުމާލެ ފޭސް 1)
- އެފް ޑަބްލިއު ކޮންސްޓްރަކްޝަން: 182 ޔުނިޓު (ހުޅުމާލެ ފޭސް 1)
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ): 300 ޔުނިޓު (ވިލިމާލެ)
ޗައިނާގެ ސީއެމްއީސީއަކީ ރާއްޖޭގައި ގިނަ ޕްރޮޖެކްޓްތަކެއްގެ މަސައްކަތްކޮށް، ހަރުދަނާ ޓްރެކް ރެކޯޑެއް ގާއިމުކޮށްފައިވާ ކުންފުންޏެކެވެ. އެގޮތުން ވިނަރެސް ހައުސިން ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ދަނީ ގުޅީފަޅާއި ހުޅުމާލޭ ފޭސް 2ގެ އިންފްރަރސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫޢުތަކަކީ ދިވެހި ރައްޔިތުންނަށް އެކަށީގެންވާ އަގުތަކެއްގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.