މާލޭގެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫޢުގެ ފޭސް 1 ގެ ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓާ ހަމައަށް އަމަލީ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ.
މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ފޭސް 1 ގެ ފުރަތަމަ ސެގްމަންޓުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައި، އާންމުންނަށް ބޭނުންކުރުމަށް ހުޅުވާލާފަ އެވެ. އަދި ދެވަނަ ސެގްމަންޓުން ފެށިގެން ފަސްވަނަ ސެގްމަންޓުގެ މަސައްކަތް މިއަދު، 22 މާރިޗް 2026 ވާ އާދިއްތަ ދުވަހު ފެށުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
މި މަޝްރޫޢުގެ ދަށުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި މިއަދުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް މަގު ބަންދުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މީގެ އިތުރުން، މާދަމާއިން ފެށިގެން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ޖެޓީއާ ހަމައަށް މަގު ބަންދުކޮށް، ފެންސު ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ހުރި އުޅަނދުތަކާއި އިޝްތިހާރު ބޯޑުތައް ނެގުމަށް އާންމުންނަށް 24 ގަޑިއިރުގެ މުއްދަތެއް ވަނީ ދީފަ އެވެ. އެއީ މިއަދުން ފެށިގެން މާދަމާ ހެނދުނު 09:00 ގެ ނިޔަލަށެވެ. މި މުއްދަތު ހަމަވުމުން އެ ސަރަޙައްދުގައި ހުންނަ އުޅަނދުތައް ފުލުހުންގެ އެހީތެރިކަމާއެކު ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެ އެވެ.
އެމްޓީސީސީން ވަނީ މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް ފައެވެ.
ވޭތުވެދިޔަ 44 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައިވާ އެމްޓީސީސީއަކީ، 1980 ވަނަ އަހަރު އުފެދުނީއްސުރެ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުންފުންޏެކެވެ. މި ސަރުކާރުން އަންނަނީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް މިފަދަ ގިނަ މަޝްރޫޢުތަކެއް ބާރުމިނުގައި ކުރިއަށް ގެންދަވަމުންނެވެ.