މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެލާއި، ގޭސް އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ދެއްވައިފި އެވެ.
ވަޒީރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަރުދަނާ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށެވެ. އެގޮތުން ސަރުކާރުން ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ފިޔަވަޅުތައް އަޅުއްވަމުންދާކަން ވަޒީރު ފާހަގަކުރެއްވި އެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ޙާލަތުގެ އަސަރު ދިވެހި ޤައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރޖ…
— Mohamed Saeed (@em_saeed) March 21, 2026
ތެލުގެ ސަޕްލައިއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނެ ގޮތަށް ދަމަހައްޓަމުން ދަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށެވެ. އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ސަޕްލަޔަރުންނާއެކު ދުރާލާ އެއްބަސްވެފައިވާ “ނޮމިނޭޝަން” އެރޭންޖްމެންޓުގެ ދަށުންނެވެ.
އެގޮތުން މި ހަފްތާތެރޭގައިވެސް ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށާއި އެސްޓީއޯއިން ސަޕްލަޔަރުންނާއިއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީޚުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވަޒީރު ސައީދު ވިދާޅުވިއެވެ.
“މާތްﷲގެ ވާގިފުޅާއެކު، އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން.” ސައީދު ވިދާޅުވިއެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އަންނަމުންދާ މިދަނޑިވަޅުގައި، ސަރުކާރުން މިވަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާއި ހަކަތައިގެ ކަށަވަރުކަން ދަމަހައްޓާނެ ކަމުގެ ފުރިހަމަ އިތުބާރު ރައްޔިތުންނަށް ދީފައެވެ.