މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކުރިއަށްގެންދާ ގިރާވަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު، އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިކަން ހާމަކުރެއްވީ ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ގޮތް ފެންނަ ފޮޓޯއެއް ސޯޝަލް މީޑިއާ އެކްސްގައި ހިއްސާކުރައްވަމުންނެވެ. ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ދުވަހަކުވެސް އެ ސަރަހައްދު ހިއްކުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ތާވަލާ ގުޅޭގޮތުން އިތުރު ތަފްސީލު ދެއްވަމުން ރައީސް ވިދާޅުވީ، އިރާދަކުރެއްވިއްޔާ އޭޕްރީލް މަހު ބިން ހިއްކުމުގެ މަސައްކަތް ނިމި، އޭގެ ފަހުން ކުރަންޖެހޭ ސަވޭތައް ވެސް ނިންމާލެވޭނެ ކަމަށެވެ.
“ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބު. ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ.” ރައީސް ވިދާޅުވިއެވެ.
ފެބްރުއަރީ މަހުގެ 30 ވަނަ ދުވަހު އަލުން އަމަލީ މަސައްކަތް ފެށި ގިރާވަރުފަޅުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މީގެ ކުރިން އެ ސަރަހައްދުން 50 އާއި 54 ހެކްޓަރާ ދެމެދުގެ ބިން އޮތީ ހިއްކާ ނިންމާފައެވެ.
މި ބިޔަ މަޝްރޫއު ކުރިއަށް ގެންދަނީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެންނެވެ. މި މަސައްކަތަށް ދުނިޔޭގެ ފެންވަރުގެ ދެ ޑްރެޖަރެއް ދަނީ ބޭނުންކުރަމުންނެވެ. އެއީ އެއްފަހަރާ 35،500 ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ ގާބިލުކަން ހުރި “ކުއީން އޮފް ނެދަލޭންޑްސް” އާއި 22,000 ކިއުބިކް މީޓަރުގެ ވެލި އެޅޭ “އޮރެންޖް” ޑްރެޖަރެވެ.
ގިރާވަރުފަޅުގެ އާ ލޭންޑް ޔޫސް ޕްލޭންގައިވާ ގޮތުން އެ ސަރަހައްދުން ޖުމްލަ 4,072 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މިހާރުވެސް ވަނީ ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައި، ގޯތިތަކުގެ ޕްލޮޓް ނަންބަރުތައް ކަނޑައަޅައި ހަވާލުކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ މާލޭ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. އެހެންކަމުން މިފަދަ މަޝްރޫއުތައް ވީހާވެސް އަވަހަށް ނިންމައި، ރައްޔިތުންނަށް ދިިރިއުޅެވޭނެ މަގު ފަހިކޮށްދިނުމަށް މި ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.