ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކޮންމެ މީހަކަށް ވޯޓުލުމަށް ތިން ކަރުދާސް ދިނުމަށް އިލެކްްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އަންނަ އޭޕްރީލް މަހުގެ 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަކީ ރާއްޖޭގެ އިންތިހާބީ ތާރީޚުގައި ތަފާތު އަދި މުހިންމު އިންތިހާބެކެވެ. މި ދުވަހު ތަފާތު ތިން ކަމަކަށް ރައްޔިތުން ވޯޓުލާން ޖެހޭއިރު، މިއީ އެންމެ ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ ގާތުގައި އަހާ ފުރަތަމަ ފަހަރެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވޭ 588 މަރުކަޒެއްގައި އެއް އުސޫލަކުން ވޯޓުލުން ކުރިއަށްދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިފަހަރުގެ އިންތިޚާބަށް 7 ބާވަތެއްގެ ވޯޓު ކަރުދާސް ތައްޔާރުކޮށްފައިވެއެވެ. ކޮންމެ ވޯޓުލާ ފަރާތަކަށްވެސް އެމީހަކު ނިސްބަތްވާ ދާއިރާއަށް ބިނާކޮށް ޖުމްލަ 3 ކަރުދާސް ލިބޭނެއެވެ. އެ ބާވަތްތަކަކީ:
- ސިޓީ ކައުންސިލްގެ ވޯޓު ކަރުދާސް
- ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ގެ ކަރުދާސް
- ރަށު ކައުންސިލްގެ ވޯޓު ކަރުދާސް (އާބާދީ 2000 އަށް ވުރެ އިތުރު ރަށްރަށަށް)
- ރަށު ކައުންސިލްގެ ވޯޓު ކަރުދާސް (އާބާދީ 2000 އަށް ވުރެ މަދު ރަށްރަށަށް)
- ރަށު ޑަބްލިޔުޑީސީ ކަރުދާސް (އާބާދީ 2000 އަށް ވުރެ އިތުރު ރަށްރަށަށް)
- ރަށު ޑަބްލިޔުޑީސީ ކަރުދާސް (އާބާދީ 2000 އަށް ވުރެ މަދު ރަށްރަށަށް)
- އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ކަރުދާސް

ސިޓީތަކުގެ ކައުންސިލް އިންތިޚާބުގައި ވޯޓު ކަރުދާސް ބަހާލެވިފައިވަނީ ދެ ބަޔަކަށެވެ. އެއީ މޭޔަރާއި އެ މީހަކު ނިސްބަތްވާ ދާއިރާގެ ކައުންސިލަރަށެވެ. ހަމައެފަދައިން ޑަބްލިޔުޑީސީ ކަރުދާހުގައިވެސް ވޯޓު ދޭންޖެހޭނީ ކޮމިޓީގެ ރައީސަށާއި ދާއިރާގެ މެންބަރަށެވެ. ފާހަގަކޮށްލަންޖެހޭ ކަމަކީ، ސިޓީތަކުގައި އަންހެނުންނަށް ޚާއްސަ ގޮނޑިތައް ކުރިއާލާ ކަނޑައެޅިފައިވާތީ، އެ ގޮނޑިތަކަށް ވަކި ކަރުދާހެއް ނޯންނާނެ ކަމެވެ.

ރަށު ކައުންސިލްތަކުގެ ވޯޓުލުމުގައި އާބާދީގެ މައްޗަށް ބިނާކޮށް އުސޫލު ތަފާތުވެއެވެ. އެގޮތުން:
- އާބާދީ 2000 އަށް ވުރެ މަދު ރަށްރަށް: ކައުންސިލް ކަރުދާހުގައި ރައީސަށާއި، އަންހެން މެންބަރަކަށް އަދި އާންމު މެންބަރަކަށް (ކޮންމެ ބަޔަކުން 1 ކެންޑިޑޭޓް) ވޯޓު ދޭންޖެހެއެވެ. ޑަބްލިޔުޑީސީ ކަރުދާހުގައި ރައީސަކަށް 1 ވޯޓު އަދި މެންބަރުންގެ ގޮތުގައި 2 ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހެއެވެ.
- އާބާދީ 2000 އަށް ވުރެ އިތުރު ރަށްރަށް: ކައުންސިލް ކަރުދާހުގައި ރައީސަކަށް 1 ވޯޓު، އަންހެން މެންބަރުންގެ ތެރެއިން 2 ކެންޑިޑޭޓުންނަށް އަދި އާންމު މެންބަރުންގެ ތެރެއިން 2 ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހެއެވެ. ޑަބްލިޔުޑީސީ ކަރުދާހުގައި ރައީސަކަށް 1 ވޯޓު އަދި މެންބަރުންގެ ގޮތުގައި 4 ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހެއެވެ.
އާންމުންގެ ޔާހިލު ހޯދުމުގެ ވޯޓު
މި ވޯޓަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އެއް އުސޫލަކުން ލިބޭނެ ކަރުދާހެކެވެ. މި ކަރުދާހުގައި އޮންނާނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެކެވެ. މި ކަރުދާހުގައި ފާހަގަޖަހަން ޖެހޭނީ “އާނއެކެވެ” ނުވަތަ “ނޫނެކެވެ” މި ދެ ގޮތުން ކުރެ އެއް ގޮތަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރައްވަނީ ކަރުދާހުގައި ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ވޯޓުލުމަށެވެ. އަދި ކޮންމެ ކަރުދާހެއް އެ ކަރުދާހަކަށް ޚާއްސަ ކުރެވިފައިވާ ފޮށްޓަށް އެޅުމަށް ސަމާލުކަން ދިނުމަކީ ވޯޓު ސައްޙަވުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެ ކޮމިޝަނުން ވަނީ ކޮންމެ ކަރުދާހެއްވެސް ވަކިން ފާހަގަކުރެވޭނެ ފަދަ ނިޝާންތައް ހިމަނާފައެވެ.