ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްގީކޮށް ބާރުވެރިކުރުވުމަށް 2019 ވަނަ އަހަރު އުފެއްދި އެސްޑީއެފްސީ، ނުވަތަ މިހާރުގެ ނަމުންނަމަ އެސްއެމްއީ ޑިޖިޓަލްއަށް 7 އަހަރު ފުރުން މިއަދު ފާހަގަކޮށްފިއެވެ.
މި މުއްދަތުގެ ތެރޭގައި އެ މުއައްސަސާއިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ 4000 އަށްވުރެ ގިނަ ކުދި ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާދާއިރާއެއްގައި ފައިނޭންސިންގ ދޫކުރާ އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތައް މިހާރު ވަނީ ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން 189 ރަށަކަށް ފޯރާފައެވެ. 2019 ވަނަ އަހަރު 5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރަން ފެށި ނަމަވެސް، މިހާރު އެ މުއައްސަސާ މެދުވެރިކޮށް 10 މިލިއަން ރުފިޔާއާ ހަމައަށް ލުއި ފަސޭހަ އިންތިޒާމުތަކެއްގެ ދަށުން ފައިނޭންސިންގ ލިބޭނެ މަގު ވަނީ ތަނަވަސްކޮށްދީފައެވެ.
މި މުއައްސަސާގެ ފައިނޭންސިންގ ސްކީމްތައް އަމާޒުކޮށްފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، އަންހެން ވިޔަފާރިވެރިންނަށާއި، ހިނގަމުންދާ ވިޔަފާރިތައް ތަރައްގީކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ގެސްޓްހައުސްތަކަށެވެ. މީގެ އިތުރުން، ޒުވާނުންނާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، ގޭގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ޓެކްނޮލޮޖީ ހޯދުމަށްވެސް އެސްއެމްއީ ޑިޖިޓަލް އިން އެހީތެރިކަން ފޯރުކޮށްދެއެވެ.
ކުންފުނީގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، ފާއިތުވި ހަތް އަހަރު އެސްއެމްއީ ޑިޖިޓަލް އިން މަސައްކަތް ކުރީ ވިޔަފާރިތަކުގެ ގާތް ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
“އެސްއެމްއީ ޑިޖިޓަލްގެ މާލީ އެހީއާ އެކު ގިނަ ދާއިރާތަކުން ވިޔަފާރީގެ އާ ފެށުންތަކެއް ފެށިއްޖެ. ޒުވާނުން ވިޔަފާރީގައި ހަރަކާތްތެރިވުމާއި އާމްދަނީ ހޯދޭނެ ގޮތްތަކެއް މަގުފަހިކޮށްދެވިއްޖެ،” ބަދުރުއްދީން ވިދާޅުވިއެވެ.
އެސްއެމްއީ ޑިޖިޓަލްގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ފައިނޭންސިންގގެ ހިދުމަތްދޭ މުއައްސަސާއަކަށް ބަދަލުވުމެވެ. މިގޮތުން ވޭތިވެދިޔަ 5 މަސް ދުވަހުގެ ތެރޭގައި އެ އިދާރާގެ ހުރިހާ ހިދުމަތްތަކެއް ޝަރީއާގެ އުސޫލުތަކަށް ބަދަލުކޮށްފައިވާ އިރު، މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ކުރިން ދޫކޮށްފައިވާ ލޯނުތައްވެސް އިސްލާމިކް ފައިނޭންސިންގ އުސޫލަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މި ސަރުކާރުން ކުދި ވިޔަފާރިތައް ބާރުވެރިކުރުވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އެސްއެމްއީ ޑިޖިޓަލް އިން އަންނަނީ ސަރުކާރުގެ ވުޒާރާތަކާ ގުޅިގެން މަސްވެރިކަމާއި، ދަނޑުވެރިކަމުގެ އިތުރުން އަންހެނުން އިސްވެ ހިންގާ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަހަމަކަމާއެކު ފޯރުކޮށްދެމުންނެވެ. އެސްއެމްއީ ޑިޖިޓަލްގެ ހިދުމަތްތަކަށް މިހާރު ރާއްޖޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.