ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓަކީ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށްގެންދާ އިޖުރާއަތެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ކަށަވަރުކޮށްދީފި އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، ގާނޫނުއަސާސީއަށް ގެނައުމަށް ފާސްކޮށްފައިވާ 8 ވަނަ އިސްލާހުގެ ބިލު ތަސްދީގު ކުރުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓެކެވެ.
މި އިސްލާހަކީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުއެކީގައި ބޭއްވުމަށް އިދާރީ ގޮތުން މަގުފަހިކުރުމަށް ހުށަހެޅި އިސްލާހެކެވެ. މީގެ ތެރޭގައި މަޖިލީހުގެ ދައުރު 1 ޑިސެންބަރުގައި ފެށޭ ގޮތަށް ބަދަލުކުރުމާއި، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރުން ހިމެނެއެވެ.
ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައިވާ ގޮތުން، ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް ރުހުން ލިބިގެންނެވެ. މި ބިލުން އިސްލާހުކުރާ 79 ވަނަ މާއްދާގެ (ހ) އަކީ ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ މާއްދާއަކަށް ވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ މަހުގެ 16 ގައި މިކަމަށް ގަރާރެއް ނެރުއްވައި، ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ހިމަނާފައިވާ ސުވާލަކީ: “ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމަށް ފެނޭ ހެއްޔެވެ؟” މިއެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ބުނީ މި ސުވާލަކީ ގާނޫނުއަސާސީ އާއި “ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނާ” އެއްގޮތަށް އެކުލަވާލާފައިވާ ސުވާލެއް ކަމަށެވެ. އަދި މިކަން މިނޫން ގޮތަކަށް މާނަކުރުމަކީ ދުސްތޫރީ އުސޫލުތަކާ ހިލާފު ކަމެއް ކަމަށްވެސް އެ އޮފީހުން ފާހަގަކުރިއެވެ.