ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލާގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ބައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
މި މައްސަލާގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ 32 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވާފަ އެވެ. ނަމަވެސް، އެ ހުކުމުގައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 1000،000 ޑޮލަރު)ގެ ޗެކަކީ އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. ގެ އަމީން އެވެނިއު A1205 އަދި A1206 އެޕަރޓްމަންޓް ގަތުމަށް ބޭނުންކުރި ފައިސާކަން ސާބިތުނުވާކަމަށާއި، އެ ފައިސާއަކީ އެފް.އޭ.އެމްއާއި އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އާ ދެމެދު ކުރެވުނު ޑޮލަރު މާރުކުރުމުގެ މުޢާމަލާތެއްކަމަށް ސާބިތުވާކަމަށް ނިންމާފައިވެއެވެ.
ފަނޑިޔާރު ނިންމަވާފައިވަނީ އެއީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ހިނގި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، އެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދަށު ކޯޓުން ކަނޑައެޅީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކޮށްގެން ކަމަށް ދެކޭ ކަމަށެވެ. އަދި މި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް ފަނޑިޔާރު ނިންމެވީ ގާނޫނާ ހިލާފަށް ކަމަށްވާތީ، އެ ބައި އަލުން ބަލައިދިނުމަށް ޕީޖީން ވަނީ އެދިފައެވެ.
ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލާގައި ޕީޖީ އޮފީހުން އެދިފައިވަނީ:
- ހުށަހެޅި އެންމެހާ ހެކިންގެ ހެކިބަސް ނެގުން.
- ހުރިހާ ހެކިތަކެއް އަލުން ވަޒަންކުރުން.
- އެއް މިލިއަން ޑޮލަރުގެ ޗެކަކީ މަނީ ލޯންޑްރިންގެ އަމަލެއްތޯ ބެލުމަށް މައްސަލައިގެ އެ ބައި އަލުން ދަށު ކޯޓަށް ތަހުވީލުކޮށްދިނުން.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މި އިސްތިއުނާފުގެ ސަބަބުން ބައްސާމްގެ މައްޗަށް މިހާރު އިއްވާފައިވާ ޖަލު ހުކުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެއީ އެ ހުކުމަކީ އެފްއޭއެމްގެ އެހެން ޗެކްތަކާއި ފައިސާ ލޯންޑްކުރި މައްސަލާގައި އިއްވާފައިވާ ހުކުމަކަށްވެފައި، އެ ބައި އިސްތިއުނާފު ނުކުރާތީއެވެ.
މި މައްސަލާގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމި ނިންމުންވެސް ޕީޖީން ވަނީ މި މަހުގެ 2 ވަނަ ދުވަހު އިސްތިއުނާފްކޮށްފައެވެ.
އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ބައްސާމް، ސިއްހީ ސަބަބުތަކަކާ ހުރެ އިއްޔެ ގެއަށް ބަދަލުކުރި ނަމަވެސް، ރޭގެ ވަގުތެއްގައި ވަނީ އަލުން ޖަލަށް ގެންގޮސްފައެވެ.