މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔަތު އައްޔަންކޮށްފިއެވެ.
ޒިޔަތު މި މަގާމަށް އައްޔަންކުރިކަން އެމްޕީއެލް އިން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ. އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގެ އިތުރުން ބޯޑު މެންބަރު ކަމަށް ވެސް ޒިޔަތު މިހާރު އައްޔަންކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
އިބްރާހިމް ޒިޔަތަކީ މީގެ ކުރިން ވެސް ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވާފައެވެ. ޒިޔަތަކީ ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
ޒިޔަތު އައްޔަންކުރުމާއެކު، އެމްޕީއެލްގެ ހިންގުމުގެ އޮނިގަނޑުގައި މިވަގުތު ތިން ޑެޕިއުޓީ ސީއީއޯއިން ތިއްބަވާނެއެވެ. މިއީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބަނދަރުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
މި ސަރުކާރުން ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ތަޖުރިބާކާރު ބޭފުޅުން އިސް މަގާމުތަކަށް އައްޔަންކުރައްވަމުންނެވެ. އިބްރާހިމް ޒިޔަތު އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވުމަކީ ވެސް މި ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެއް ކަމަށް ފާހަގަކުރެވެއެވެ.