ނ. މަނަދޫ، އަންނާރުމާގޭ ނަޢީމާ މޫސާ މަރާލި މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ދަޢުވާ އުފުލާފައިވާ އެރަށު ވިނަރެސް، ޙަސަން ފަވާޛު، ބަލިޙާލަތު ހުރިގޮތުން ޝަރުޠުތަކަކާއެކު ގޭބަންދަށް ބަދަލުކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގެ ތަޙުޤީޤު މަރުޙަލާއިން ފެށިގެން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ޖަލު ބަންދުގައި ހުރި ފަވާޛުގެ ބަންދަށް ލުއިދީފައިވަނީ، އޭނާގެ ޞިއްޙީ ޙާލަތާ ގުޅިގެން ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މި މަހުގެ 9 ވަނަ ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް ގެނައުމާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، ފަވާޒުގެ ބަލިޙާލަތާ ގުޅިގެން ޑޮކްޓަރުން ދެއްވާފައިވާ ލަފަޔާއި ބަލީގެ ހައްސާސްކަމަށް ރިޢާޔަތްކޮށް، ޤާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ކޮންމެ މީހަކަށްމެ ލިބިދީފައިވާ ދިރިހުރުމުގެ ޙައްޤު ރައްކާތެރިކުރުމަށްޓަކައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދުނީ ވަރުގަދަ ޝަރުޠުތަކަކާއެކުގައެވެ. މި ހުށަހެޅުމާ އެއްގޮތަށް ކްރިމިނަލް ކޯޓުން ފަވާޒު ބަންދުން ދޫކޮށްލުމަށް ނިންމީ މިއަދުއެވެ.
ފަވާޒުގެ މައްޗަށް ކޯޓުން ކޮށްފައިވާ މައިގަނޑު ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ:
- ބަންދުން ދޫކޮށްލާފައި ހުންނައިރު އިތުރު އެއްވެސް ކުށެއް ނުކުރުން.
- ކޯޓަށް ހާޒިރުވާންޖެހޭ ގަޑިތަކަށް ފަރުވާތެރިކަމާއެކު ހާޒިރުވުން.
- ބޭސްފަރުވާއަށް ފިޔަވައި، ރޭގަނޑު 18:00 އިން ހެނދުނު 08:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން.
- ކޮންމެ ދުވަހަކު ހެނދުނު 08:00 އާ 12:00 އާ ދެމެދު ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން.
- މާލެއިން ބޭރަށް ދިއުން މަނާވުން.
- މައްސަލައިގެ ހެކިންނާ ބައްދަލުނުކުރުމާއި ނުފޫޒު ނުފޯރުވުން.
- ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއްފަހަރު ޕީޖީ އޮފީހަށާއި ކޯޓަށް ހުށަހެޅުން.
ފަވާޒު މި ޝަރުޠުތަކާ ޚިލާފުވެއްޖެނަމަ، އޭނާ އަލުން ޖަލު ބަންދަށް ބަދަލުކުރުމަށް ކޯޓުގައި އެދޭނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އަދި އޭނާ ޝަރުޠުތަކަށް ޢަމަލުކުރޭތޯ ފުލުހުންނާއި ކަރެކްޝަނުން މޮނިޓަރ ކުރަމުންދާނެއެވެ.
ޢުމުރުން 62 އަހަރުގެ ނަޢީމާ މޫސާ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނީ 2023 އެޕްރީލް 7 ވަނަ ދުވަހުއެވެ. މި މައްސަލާގައި ފަވާޒުގެ އިތުރުން ނ. މަނަދޫ ފެހިވިލާގެ، އަހުޒަމް އަބްދުލްޝަކޫރުގެ މައްޗަށްވެސް ދައުލަތުން ވަނީ ދަޢުވާ އުފުލާފައެވެ. ފަވާޒުގެ މައްޗަށް މީހަކު މެރުމުގެ ދަޢުވާގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ. މި ދަޢުވާތައް ކޯޓަށް ހުށަހަޅާފައިވަނީ 30 ނޮވެންބަރު 2023 ގައެވެ.