މާލޭގެ އަމީރު އަހުމަދު މަގުގައި، ޝަހީދު ހުސައިން އާދަމް ބިލްޑިންގާ އިންވެގެން އޮންނަ، ކުރީގެ ޣާޒީ ބިލްޑިންގް ހުރި ބިމުގައި ހިތްފަސޭހަ ޕާކެއް ނުވަތަ ޣާޒީ ޕާކު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ އަބްދުﷲ މުއްތަލިބު ވިދާޅުވީ، އެ ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް މިހާރު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރަހައްދު ތަރައްގީ ކުރާނީ ޖުމްހޫރީ މައިދާނާ އެއްފަދަ ހިތްގައިމު އަދި ރީތި މައިދާނެއްގެ ގޮތުގައެވެ.
“މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މިމާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް އާރު.ޑީ.ސީއާ ޙަވާލުކޮށްގެން މިހާރު ވަނީ ފަށާފަ.” ވަޒީރު ވިދާޅުވިއެވެ.
މަސައްކަތް ފެށުމުގެ ގޮތުން، މިހާތަނަށް ސައިކަލް ޕާކުކުރާ ޒޯނެއްގެ ގޮތުގައި ބޭނުންކުރަމުން އައި އެ ބިމުގައި ހުރި ހުރިހާ އުޅަނދުތައް މިހާރު ވަނީ ނަގާފައެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަހައްދު ވަކިކުރުމުގެ ގޮތުން ބިން ވަށައިގެން ޓިނު ޖަހައި މިހާރު ވަނީ ބަންދުކޮށްފައެވެ.
ދައުލަތުގެ ގިނަ އޮފީސްތަކެއް ދިގު މުއްދަތަކަށް ހިންގި ޣާޒީ ބިލްޑިންގް ތަޅާލާފައިވަނީ 2023 ވަނަ އަހަރުގެ ތެރޭގައެވެ. އެ އިމާރާތް ތަޅާލީ ބާވެ، ރައްކާތެރިކަމުގެ ގޮތުން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމާ ގުޅިގެންނެވެ. ހަމަ އެފަދައިން، އޭގެ ކައިރީގައި ހުރި ހުރަވީ ބިލްޑިންގް ވެސް ބާވުމުގެ ސަބަބުން މިދިޔަ އަހަރު ތަޅާލާފައިވާއިރު، އެ ބިމުގައި މިހާރު ވަނީ ސައިކަލް ޕާކިން ޒޯނެއް ގާއިމުކޮށްފައެވެ.
ޣާޒީ ބިލްޑިންގާއި ހުރަވީ ބިލްޑިންގް ހުސްކުރުމަށްފަހު، އެތަންތަނުގައި ކުރިން ހިންގި ސަރުކާރުގެ އޮފީސްތައް މިހާރު ވަނީ ވެލާނާގެ ބިލްޑިންގަށާއި ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގަށް ބަދަލުކޮށްފައެވެ.