ދިގުރަށު އެކޮމޮޑޭޝަން ބްލޮކެއްގައި ހިނގި އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އަންނގަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ އދ. ދިގުރަށުގައި ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް ރައްޔިތުން މަރުވުމާ ގުޅިގެން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާނަށް ފޮނުވި ތައުޒިޔާގެ މެސެޖުގައެވެ.
މިމަހު 13 ގައި ހިނގި މި ހިތާމަވެރި ހާދިސާގައި ބަންގްލަދޭޝްގެ ފަސް މީހަކު ނިޔާވެ، އިތުރު ދެ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް ހިނގީ ބިދޭސީން އުޅޭ އެކޮމޮޑޭޝަން ބްލޮކެއްގައެވެ. މި ހާދިސާގައި 8 މީހުންނަށް އަނިޔާވިއިރު އޭގެ ތެރެއިން 5 މީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ. އަދި އިތުރު ދެ މީހަކަށް ވެންޓިލޭޓަރުގައި މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދެއްވިގޮތުގައި ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަ ދެ މީހުންގެ ހާލަށް ބަދަލެއް ނާދެއެވެ. އަދިވެސް އެ ދެ މީހުންގެ ހާލަތު ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މި ހާދިސާގެ ހަބަރު އެއްސެވީ ނުހަނު ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް، އަދި ވަކިން ޚާއްޞަކޮށް ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރި ތައުޒިޔާ އާއި ހަމްދަރުދީ ރައީސް ވަނީ ފޮނުއްވާފައެވެ.
ރައީސް މުއިއްޒުގެ މެސެޖުގައި، މި ހާދިސާގައި ލިބުނު ބޮޑު ގެއްލުމާއި ހިތާމައިގައި ދިވެހި ރައްޔިތުން ބައިވެރިވާކަން ހާމަކުރައްވައި، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައިވެއެވެ. އަދި ދިވެހި މުޖުތަމަޢުގެ ތަރައްޤީއަށާއި އެކި ދާއިރާތަކުގައި ބަންގްލަދޭޝްގެ ރައްޔިތުން އަދާކުރަމުންދާ ދައުރަކީ އަގުނުކުރެވޭ ފަދަ މުހިންމު ދައުރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިގުރަށުގައި ހިނގި މި ހާދިސާ ފުރިހަމައަށް ތަހުގީގު ކުރުމަށާއި، ކުރިމަގުގައި މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.