ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެޔޮ ވިއްކާ އަގުތައް މައްޗަށް ދިޔަ ނަމަވެސް، އާންމު ދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ތެޔޮ ކުރީގެ އަގުގައި ފޯރުކޮށްދިނުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ނިންމައިފިއެވެ.
އެސްޓީއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕަބްލިކް ފެރީ އަދި އާންމު ދަތުރުފަތުރުގެ ނިޒާމު ފޯރުކޮށްދޭ ފަރާތްތަކަށް ކުރިއެކޭ އެއް ރޭޓެއްގައި ތެޔޮ ލިބޭނޭ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން، މަސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ “ފަހި ހަކަތަ” ޕްރޮގްރާމްގެ ދަށުން، ކުރިއެކޭވެސް އެއްގޮތަށް ސަބްސިޑައިޒްޑް ރޭޓެއްގައި ތެޔޮ ލިބޭނެ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.
މި ނިންމުމާ ގުޅިގެން މިފްކޯއިން ވެސް ވަނީ މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ކުރިން އޮތް ގޮތަށް ދެމެހެއްޓުމަށް ނިންމާފައެވެ. އެގޮތުން، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 16.54ރ. އަށް ލިބޭނެއެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް މަސްކިރާ އުޅަނދުތަކަށް ލީޓަރެއް 16.04ރ. އަށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ އާންމު ރައްޔިތުންނަށް މާލީ ގޮތުން ބުރައަކަށް ނުވާނެހެން ކަންކަން ތަރުތީބުކުރުމެވެ. މާލެ ސަރަހައްދުގެ ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ނާންނާނެ ކަމަށާއި، ރަށްރަށުގައި އެސްޓީއޯއިން ތެޔޮ ގަނެގެން ޝެޑް ހިންގާ ފަރާތްތަކަށްވެސް ކުރީގެ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެސްޓީއޯގެ ބަޔާނުގައިވެއެވެ.
ފާއިތުވި ދުވަސްތަކުގައި އައްޑޫ ސިޓީގައި ތެލުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް އުފުލި، ޕެޓްރޯލް ލީޓަރެއް 29.26ރ. އަށް އަދި ޑީސަލް ލީޓަރެއް 30.13ރ. އަށް އެރުމާ ގުޅިގެން އާންމުންގެ ކަންބޮޑުވުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. ނަމަވެސް، އެސްޓީއޯގެ އާ ނިންމުމާއެކު މިހާރު އައްޑޫގައި ޕެޓްރޯލް ލީޓަރެއް 18.56ރ. އަށް އަދި ޑީސަލް ލީޓަރެއް 19.38ރ. އަށް ވަނީ ތިރިވެފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް، ރާއްޖެއަށް ތެލާއި ގޭހުގެ ދަތިކަން ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ. ސަރުކާރުން ބުނެފައިވަނީ މި ބަދަލުތަކަކީ މިދަނޑިވަޅުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ވީހާވެސް ތަކުލީފު ކުޑަކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެޅުނު ފިޔަވަޅެއް ކަމަށެވެ