ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ގ. މާވަނި، ހުސައިން ސަނީ އުމަރުގެ މައްޗަށް ބޮޑެތި ދައުވާތަކެއްކޮށް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި މައްސަލާގައި ސަނީގެ މައްޗަށް ފަސް ދަޢުވާއެއް ކުރުމަށް މިއަދު ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތިން ދަޢުވާއަކާއި، ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާއެއްގެ އިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ހިމެނެއެވެ.
ސަނީގެ މައްޗަށް އުފުލާފައިވާ ފުރަތަމަ ދަޢުވާ އަކީ، ކުޑަކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، ޖިންސީ ނިޔަތެއް އޮވެގެން އެ ކުއްޖާގެ ހަށިގަނޑުގައި އަތްލާފައިވާތީ ކުރި ދަޢުވާއެކެވެ. މީގެ އިތުރުން، 10 ނުވަތަ 11 އަހަރުގެ ކުއްޖަކާއި، 9 ނުވަތަ 10 އަހަރުގެ ކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީ އިތުރު ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ކުރި މި ކޮންމެ ދަޢުވާއެއްގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.
ޖިންސީ ގޯނާގެ ދަޢުވާތަކުގެ އިތުރުން، ސަނީގެ މައްޗަށް ވަނީ ޤާނޫނުލްޢުޤޫބާތުގެ ދަށުން ޢަދުލު އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ދަޢުވާ އުފުލާފައެވެ. މި ދަޢުވާ ކުރީ، އޭނާގެ ފޯނުގައި މައްސަލައާ ގުޅޭ ހެކި ހުރިކަމަށް ތުހުމަތުކުރެވިގެން ފޯނު ހަވާލުކުރުމަށް ކޯޓުން އަމުރުކުރުމުން، ފޯނު ގެއްލިފައިވާ ކަމަށް ބުނެ ފުލުހުންނާ ފޯނު ހަވާލުކޮށްފައި ނުވާތީއެވެ. މި ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެކެވެ.
ހަމައެއާއެކު، އޭނާ ބޭނުންކުރާ ސިމް ކާޑުގެ މަޢުލޫމާތު ދިނުމުގައި ފުލުހުންނަށް ދޮގު މަޢުލޫމާތު ދީފައިވާތީ، ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާވެސް ވަނީ އުފުލާފައެވެ.
ޕީޖީ އޮފީހުން ވިދާޅުވީ، މި މައްސަލާގައި ކޮށްފައިވާ ދަޢުވާތައް ސާބިތުވާ ޙާލަތުގައި، ޤާނޫނުގައި ކަނޑައެޅިފައިވާ އެންމެ ބޮޑު އަދަބު ދިނުމަށް ކޯޓުގައި އެދޭނެ ކަމަށެވެ. އެގޮތަށް ކަންތައްވެއްޖެނަމަ، ސަނީގެ މައްޗަށް މަދުވެގެން 44 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
މި މައްސަލައިގެ ސީރިއަސްކަމަށް ރިޢާޔަތްކޮށް، ޙުސައިން ސަނީ ޢުމަރު ވަނީ 2 ޖަނަވަރީ 2026 އިން ފެށިގެން ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ. މި މައްސަލައަކީ ގިނަ ކުޑަކުދިންތަކަކަށް ޖިންސީ އަނިޔާ ލިބިފައިވާ މައްސަލައަކަށްވާތީ، މުޖުތަމަޢުގެ ކަންބޮޑުވުން މިކަމުގައި ބޮޑެވެ.