ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ކެންޑިޑޭސީ ދޫކޮށްލައްވައި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމެވި ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްދިޔަ “ދޮރުން ދޮރަށް” ކެމްޕެއިން ހަރަކާތުގެ ތެރެއިން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިބްރާހިމް އަބޫބަކުރަކީ އެމަނިކުފާނު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެންވެސް ވަރަށް އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި އިންތިހާބުގައި އިތުރަށް ކުރިއަށް ނުގޮސް، ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއީދުކުރަން އޭނާ ނިންމެވީތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
“ރަސްމީކޮށް މިހާރު ނަން ނުނެގުނަސް، އިންތިޚާބުގައި އިތުރަށް ކުރިއަށް ނުދާން ނިންމަވައި އަޅުގަނޑުމެންގެ ޑެޕިއުޓީ މޭޔަރު އަރީޝްއަށް ތާއީދުކުރަން ނިންމެވި ކަމީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ،” ރައީސް ވިދާޅުވިއެވެ.
އިބްރާހިމް އަބޫބަކުރު ވިދާޅުވި ގޮތުގައި، އޭނާއަށް އަމިއްލަ ގޮތުން ކުރިމަތިލާން ޖެހުނީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅުމުގެ ތެރޭގައި ދިމާވި އޮޅުންބޮޅުންތަކެއްގެ ސަބަބުންނެވެ. އެހެންކަމުން، ސަރުކާރު ހިންގާ ޕާޓީގެ ގޮނޑިއެއް އެހެން ފަރާތަކަށް ގެއްލިގެން ދިޔުމުގެ ފުރުސަތު ދޭން ބޭނުންފުޅު ނުވާތީ، އޭނާގެ ތާއީދު އަރީޝްއަށް ދެއްވަން ނިންމެވީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާއަށް ތާއީދުކުރާ އެންމެހައި ރައްޔިތުންވެސް އަރީޝްއަށް ވޯޓު ދެއްވުމަށް އިބްރާހިމް އަބޫބަކުރު ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. މި އިންތިޚާބުގައި ޕީއެންސީ އާއި އެމްޑީޕީން އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވާއިރު، އިންތިޚާބު އޮންނަ ދުވަހު ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ.