ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްޤީކުރުމަށްޓަކައި، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމް.ޕީ.އެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެއް ފަހަރާ 18 ޔޮޓަށް ބަނދަރުކުރެވޭނެ ފަދަ ޒަމާނީ މެރީނާއެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މެރީނާ ފަރުމާކުރެވިފައިވަނީ ޔޮޓްފަހަރަށް ބޭނުންވާ މައިގަނޑު އަސާސީ ޚިދުމަތްތައް ފުރިހަމައަށް ލިބޭނެ ގޮތަށެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްތައްވެސް މި މެރީނާއިން ފޯރުކޮށްދޭނެއެވެ.
އެމްޕީއެލް އިން މައުލޫމާތު ދޭ ގޮތުގައި، މި މެރީނާ އޮޕަރޭޓްކޮށް، ކުރިއަށް އޮތް ތަނުގައި އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.
ހއ. އުލިގަމަކީ ރާއްޖެއިން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް މަޑުކުރާ މަޤްބޫލު މަންޒިލަކަށްވާއިރު، މި ފަދަ މެރީނާއެއް ތަރައްޤީކުރުމަކީ އެ ރަށަށް ލިބޭ އިޤްތިސާދީ ބޮޑު ކުރިއެރުމަކަށް ވާނެއެވެ. ސަރުކާރުގެ އަމާޒަކީ އުލިގަމުގެ މި ޤުދުރަތީ ވަސީލަތް ބޭނުންކޮށްގެން، ޔޮޓް މެރީނާގެ ޚިދުމަތް ފުޅާކޮށް، ދައުލަތަށާއި ރަށުގެ ރައްޔިތުންނަށް އިޤްތިސާދީ މަންފާ ހޯދައިދިނުމެވެ.