މާލޭގެ މަސްޖިދުއްޒިކުރާ ހުރި ބިމުގައި، އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރާ ޒަމާނީ އައު މިސްކިތުގެ ބިންގާ ރަސްމީކޮށް މިއަދު އަޅައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އަލަށް ބިނާކުރާ މި މިސްކިތަކީ ތިން ފަންގިފިލާއަށް އިމާރާތްކުރާ، ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ އެކި ފަންގިފިލާތަކަށް އަރާފޭބުމުގައި ފަސޭހަކޮށްދިނުމަށްޓަކައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފަިއވާއިރު، މިސްކިތް ނިމުމުން އެއްފަހަރާ 1,500 މީހުންނަށް ނަމާދު ކުރެވޭނެއެވެ.
މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި ހިިނގާ ރަމަޟާން މަސް ނިމުމުންނެވެ. މި މަޝްރޫއަކީ މާލޭގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި، ޒަމާނީ ފެންވަރުގެ އައު މިސްކިތްތައް ބިނާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ޒިކުރާ މިސްކިތުގެ ތާރީޚަށް ބަލާއިރު، މީގެ ކުރިން އެކި ފަހަރުމަތިން މި މިސްކިތް ބިނާކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރެވުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތް ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. ޒިކުރާ މިސްކިތް ހުރި ބިމުގައި މިސްކިތަކާއެކު 10 ބުރީގެ އިމާރާތެއް އެޅުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެސްޖޭއާ ހަވާލުކުރި އެވެ. ނަމަވެސް އެ މަސައްކަތް އެސްޖޭއިން ނުކުރުމުން މިދިޔަ ސަރުކާރުން ވަނީ އެއްބަސްވުން ބާތިލްކޮށްފަ އެވެ. ޔާމީންގެ ސަރުކާރުން އެ ކުންފުންޏަށް ދިން ގިނަ އަދަދެއްގެ ފައިސާގެ ބަދަލުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަން އެ ކުންފުންޏާ ހަވާލުކުރި އެވެ. ނަމަވެސް އެ މިސްކިތް ވެސް އެ ކުންފުންޏަށް ނޭޅުނެވެ.
ނަމަވެސް މިހާރު މި ވަނީ ހެޔޮއެދޭ ފަރާތެއްގެ އެހީތެރިކަމާއެކު މި މިސްކިތުގެ މަސައްކަތް އައު ފެށުމަކުން ފަށާފައެވެ.