މާލޭގެ ލޯކަލް މާރުކޭޓު ހުރި ބިމުގައި “މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ގެ ނަމުގައި އާ މާރުކޭޓެއް އެޅުމަށް ހަވާލުކޮށްފިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ 600 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ޓްރަސްޓެންގް މޯލްޑިވްސްއާ 126 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެކެވެ.
“މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް” ހެދުމަށް ހަމަޖެހިފައި ވަނީ ހަ ފަންގިފިލާގެ މި އިމާރާތުގެ ބޭސްމަންޓް ޕާކިންއަށް ހާއްސަކޮށްފައިވާއިރު، 400 އަށް ވުރެ ގިނަ ސައިކަލު ބެހެއްޓޭނެ ޖާގަ ހުންނާނެއެވެ. އިމާރާތުގެ ގްރައުންޑް ފްލޯގައި މަސް މާރުކޭޓަކާއި 5 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރާއިރު، ފުރަތަމަ ތިން ފަންގިފިލާ ހާއްސަކުރާނީ ތަރުކާރީ މާރުކޭޓަށެވެ. އަދި ހަތަރުވަނަ ފަންގިފިލާ ނުވަތަ ޓެރަހުގައި ހަތަރު ފުޑް ކޯޓު ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.
ޖުމްލަ 95,032 އަކަ ފޫޓުގެ ބިމެއްގައި އަޅާ މި އިމާރާތަކީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެއްޓެވި މަސައްކަތެކެވެ.
އެ މަނިކުފާނު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ފެށި އާ މަސްމާރުކޭޓެއް ހެދުމުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި އޮތީ ހުއްޓިފައި ކަމަށެވެ.
މަސްމާރުކޭޓު މިހާރު ހުރި ތަނުގައި މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ ކުންފުނިތަކާއި، ޖަމިއްޔާތަކަށް ބޭނުންވާ އޮފީސް ޖާގަ ދެވޭނެ ގޮތަށް އާ އިމާރާތެއް ހެދުމަށްވެސް އަންނަނީ ވިސްނަމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.