ހދ. ކުޅުދުއްފުށި ޕޯޓުން، ހއ. އުލިގަމުގައި ބަނދަރުކުރި ބޮޑު ޕަސެންޖަރ ލައިނާއަކަށް ޕައިލޮޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.
މި ޚިދުމަތް ފޯރުކޮށްދީފައިވަނީ “ވާސްކޯ ޑަ ގާމާ” ނަމަކަށް ކިޔާ ޕަސެންޖަރ ލައިނާއަކަށެވެ. އެގޮތުން، މި ލައިނާގައި ފަސިންޖަރުންނާއި ފަޅުވެރިން ހިމެނޭހެން މުޅިއަކު 1,348 މީހުން ތިއްބެވެ.
އުލިގަމަކީ ރާއްޖޭގެ އުތުރުން ބޭރުގެ ގިނަ އަދަދެއްގެ ކްރޫޒް ލައިނާތަކާއި ޔޮޓްތައް އަބަދުވެސް ބަނދަރުކުރާ މުހިންމު މަންޒިލެކެވެ. އެ ސަރަހައްދަށް އަންނަ އުޅަނދުފަހަރަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، އުލިގަމުގައި ޒަމާނީ ފެންވަރެއްގެ ޔޮޓް މެރީނާއެއް ތަރައްޤީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ދަށުން، ޔޮޓް މެރީނާ ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެމްޕީއެލް އިން މިހާރު ވަނީ މިހާރު ބީލަމަށް ހުޅުވާލާފައެވެ.