ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ވަކިވަކިން ބާއްވާ ނިޒާމަކީ ފެއިލްވެފައިވާ ނިޒާމެއް ކަމަށާއި، ނަތީޖާ ނެރެވޭ މަޖިލީހެއް ހޯދަން ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވެފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވައި ދިޔާނާ ވިދާޅުވީ ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ދެކޮޅަށް ސުއޫދު ދެއްކެވި ހުއްޖަތަކީ ގަބޫލުކުރެވޭނެ ހުއްޖަތެއް ނޫން ކަމަށެވެ.
ދިޔާނާ ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާތަނަށް ނަތީޖާ ނެރެވޭ ހަރުދަނާ ރައްޔިތުންގެ މަޖިލީހެއް އުފެދިފައި ނެތީ މިހާރު އަމަލުކުރާ ނިޒާމުގެ ސަބަބުންނެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބާ ދެމެދު ހަ މަސްދުވަހުގެ މުއްދަތެއް ބާއްވައިގެން ފާއިތުވި 15 އަހަރު ބޭއްވި އެއްވެސް އިންތިހާބަކުން، ސަރުކާރު ޖަވާބުދާރީކުރެވޭނެ ފަދަ މަޖިލީހެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އަމަލުކުރަމުންދާ “ސްޓެގާޑް އިލެކްޝަންސް” ނުވަތަ ދެ އިންތިހާބު ވަކިވަކިން ބާއްވާ ނިޒާމަކީ ރާއްޖޭގައި ފެއިލްވެފައިވާ ނިޒާމެއްކަން ފާހަގަކުރައްވައި، ދިޔާނާ ވިދާޅުވީ މިކަމަށް އޮތް ހައްލަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށާއި އެކަން ތަޖުރިބާކޮށް ޓެސްޓުކޮށްލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ދިޔާނާ ވިދާޅުވީ، އޭރުން އިދާރީ ގޮތުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަވެގެންދާނެ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.