ތ. ވޭމަންޑޫއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ ބިން ހިއްކުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭމަންޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާ ކަމަށެވެ. މިއީ އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
ވޭމަންޑޫގެ ބިން ހިއްކުމާއި، ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި ސަރުކާރުން ސޮއިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ.
މި މަޝްރޫއުގެ ދަށުން ވޭމަންޑޫ ފަޅުން ޖުމްލަ 27 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންކުރަނީ އެމްއޭސީއެލްގެ “ފިލިޕޯ ބްރުނެލެޝީ” ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެވެ. މިއީ އެއްފަހަރާ 11،300 ކޮޑި މީޓަރުގެ ވެލި ބޭރުކުރުމުގެ ގާބިލުކަން ލިބިގެންވާ، ބާރުމިނުގައި މަސައްކަތް ކުރެވޭ އުޅަނދެކެވެ.
1,270 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ތ. ވޭމަންޑޫއަކީ ގުދުރަތީ ގޮތުން ބިން ކުޑަވުމުގެ ސަބަބުން ބޯހިޔާވަހިކަމުގެ ބޮޑެތި ތަދިތަކެއް ތަހައްމަލު ކުރަމުންދާ ރަށެކެވެ. މީގެ އިތުރުން، އެ ރަށުގެ ބަނދަރަކީވެސް ޖާގައިގެ ގޮތުން ދަތި، އާބާދީއާ ނުބައްދަލު ބަނދަރަކަށް ވުމުން، މި މަޝްރޫއުގެ ދަށުން ބަނދަރު ތަރައްގީ ކުރެވިގެންދިއުމަކީ ރަށުގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަތޮޅުތެރޭގެ ރަށްތަކުގެ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މިފަދަ މަޝްރޫއުތަކުގެ ސަބަބުން، ރަށްރަށުގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.