މާލެ ސިޓީ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަކީ ނިޒާމީ މައްސަލައެއް ނޫން ކަމަށާއި، އެއީ ކައުންސިލް ހިންގަން ތިބި ފަރާތްތަކުގެ އިޚުލާސްތެރިކަން ނެތުމުން ދިމާވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެކުނު ދާއިރާގެ ޖަހަގަ ހުޅުވުމުގެ ރަސްމިއްޔާތުގައި ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، 2011 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހިނގަމުން އައި ނަމަވެސް، އޭގެ ފުރިހަމަ ނަތީޖާ ފެންނަން އޮތީ އެ ނިޒާމު ތަންފީޒުކުރަން ތިބޭ ބައެއްގެ ނިޔަތް ހުރި ގޮތެއްގެ މައްޗަށެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ދެއްކެވި ނަމޫނާއަށް ޝުޖާއު ތައުރީފު ކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނާ ގާތުން، ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރި މުއައްސަސާއެއް ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެކި ގޮތްގޮތުން ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއެޅި ކަމަށާއި، އޭގެ ތެރޭގައި މާލޭގެ ލޭންޑް ޔޫޒް ޕްލޭން ފާސްނުކޮށް ހިފެހެއްޓުން ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ކުރިޔަށް އޮތް އިންތިހާބަށް އިޝާރާތް ކުރައްވައި ޝުޖާއު ވިދާޅުވީ، މާލޭގެ ރައްޔިތުން ވޯޓު ދިނުމުގައި މާޒީގައި ކަން ހިނގާފައިވާ ގޮތަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. އަދި ކައުންސިލްގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނީ ސަރުކާރާ ގުޅިގެން މަސައްކަތްކުރާނެ އިޚުލާސްތެރި ކެނޑިޑޭޓުން ހޮވައިގެން ކަމަށް ވިދާޅުވެ، ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓު ދިނުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ.
“މޭޔަރުގެ އިޚުލާސްތެރިކަމެއް ނެތިއްޔާ ނިޒާމެއް ވޯކެއް ނުކުރާނެ، އޭރުގަ، ރައީސް މުއިއްޒުގެ މޭޔަރުކަމުގައި މާލޭގެ ރައްޔިތުންގެ ބައްދަލުވުމެއް ހިނގަންޏާ ތާޅަފިލިންގޮވަމުންދާނެ، ދައުވަތު ކާޑު ރައްޔިތުންނަށް ލިބިވަޑައިގަންނަވާނެ. ހުޅުމާލޭގައި ބައްދަލުވުމެއް އޮތަސް ހުޅުމާލޭގައި ޕިކަޕުން ގޮވަމުންދާނެ މިރޭ ރައްޔިތުންގެ ބައްދަލުވުމެއް، ގާނޫނޫން ލާޒިމުކުރާ ބައްދަލުވުމެއް އޮންނާނެއޭ.” ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލެއަށް ދިމާވެފައިވާ ޕާކިންގެ މައްސަލަތަކާއި އެ ނޫންވެސް ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ރައީސް މުއިއްޒު ކުރެއްވި މަސައްކަތްޕުޅުތަކަށް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދިން ކަމަށް ޝުޖާއު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މޭޔަރުގެ އިޚުލާސްތެރިކަން ނެތް ނަމަ، ކިތަންމެ ރަނގަޅު ގާނޫނީ އޮނިގަނޑެއް އޮތަސް ރައްޔިތުންނަށް އޭގެ މަންފާއެއް ނުކުރާނެ ކަމަށެވެ.