ރައްޔިތުން ބޯހިޔާވަހިކަމަށް އެދި ސަލާން ޖަހަންޖެހޭ ޖެހުން ނިމުމަކަށް އަންނަން ގާތްވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހުޅުމާލެ ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ތަކުލީފަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރުމަށް އެކި މަސައްކަތްތަކެއް ކުރި ނަމަވެސް، އެދެވޭ ނަތީޖާއެއް ނުނެރެވި، މައްސަލަ އޮތީ ހައްލުނުވެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ސައީދުގެ ވާހަކަފުޅުގައި، ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނެވޭނެ ފަދަ ހަރުދަނާ ޑިވެލޮޕްމެންޓް ޕްލޭނެއް އަދި މެނިފެސްޓޯއެއް އޮތީ ހަމައެކަނި މި ސަރުކާރުގައި ކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުޅި މެނިފެސްޓޯއަކީ ގާތްގަނޑަކަށް ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ މެނިފެސްޓޯއެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
ރަސްމާލެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިއްކޭނެ އެންމެ ބޮޑު ބިން ކަމަށްވާ ރަސްމާލެ މިހާރު އަންނަނީ ހިކެމުން ކަމަށެވެ.
“ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގެ މައިގަނޑު ކޮންކުލިއުޝަނަކީ، ދިވެހިރާއްޖޭގައި އެއްވެސް ހިސާބެއްގައި، ހާއްސަކޮށް މި މާލޭ ސަރަހައްދުގައި ދިިރިއުޅޭ ބޭފުޅުން، އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އޮތަކަ ނުދޭނަމޭ ބޯހިޔާވަހިކަމާ ދޭތެރޭގައި،” މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ކުރީ ސަރުކާރުން ބަހާފައިވަނީ ހިޔާލީ އަދި އުފަންނުވާ ބިންތަކެއް ކަމަށް ސިފަކުރައްވައި، މި ސަރުކާރުން އެކަން ހަގީގަތަކަށް ބަދަލުކުރަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. ބޮޑެތި ބިންތައް ހިކެމުންދާއިރު، ގޯތި ގެދޮރަށް ކުރި ދިގު އިންތިޒާރު ނިމި، ބޯހިޔާވަހިކަމުގެ ލޯނުތައްވެސް ބޭންކު މެދުވެރިކޮށް ލިބެމުންދާނެ ކަމުގެ އުންމީދު މިނިސްޓަރު ދެއްވިއެވެ.
“އެ ވައުދުފުޅާ އެއްކޮށް މިއަދާ ހަމައަށް ކުރެވުނު މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ، ހިޔާލީ، އުފަންނުވާ ބިންތަކެއް ކުރީ ސަރުކާރުން ބަހާފައި ދިޔަ ދިއުން މިއަދު އެ އަންނަނީ ހަގީގަތަކަށްވަމުން. ބޮޑެތި ބިންތައް ހިކެމުން. އަދި ގޯތި ގެދޮރަށް ކުރި އިންތިޒާރުތައް ނިމެމުން އިރާދަކުރެއްވިއްޔާ. ބޭންކުން ލޯނުވެސް ލިބެމުން،”ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުމަށްޓަކައި ރައީސް މުއިއްޒު ގެންދަވަނީ މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކާ ގުޅިގެން ރެޔާއިދުވާލު ނުހަނު ބުރަކޮށް މަސައްކަތްޕުޅު ކުރައްވަމުން ކަމަށެވެ.