ޗައިނާ، އިންޑިއާ އަދި ރަޝިއާ ފަދަ މުހިންމު މާކެޓްތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން ޚާއްސަ އިސްތިރާތީޖީ މަސައްކަތްތަކެއްސަރުކާރުން ފަށައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކޮމެޓީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ކުރާނެ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފަތުރުވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ދަތުރުފަތުރުގެ ދަތިކަމާހުރެ ރާއްޖޭގައި މަޑުކުރަންޖެހުނު ފަތުރުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ރިސޯޓްތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވުނުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. ވަަރަށް ގިނަ ރިސޯޓްތަކުން ވަނީ ފުރޭގޮތް ނުވި ފަތުރުވެރިންނަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ.
“އިރާދަކުރެއްވިއްޔާ މި އަންނަ މަހުގެ ކުރީކޮޅުން ފައްޓައިގެން ވަރަށް ބޮޑެތި މާކެޓިން އެފޯޓްތަކެއް ލާނަން، އިންޑިއާށާއި، ޗައިނާ އަށާއި، ރަޝިޔާއަށް،” ތޯރިގު ވިދާޅުވިއެވެ.
މިނިސްޓަރު ތޯރިގް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ދުވާލަކު އަންނަ ފްލައިޓްތަކުގެ 30 އިންސައްތައަކީ މެދުއިރުމަތީގެ އެއާލައިންތަކަށް ވާއިރު، މިހާރުގެ ހާލަތާ ގުޅިގެން އެ ދަތުރުތަކަށް ބުރޫއެރުމަކީ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއާ ގުޅިގެން އިތުރު އެއާލައިންތަކުގެ ފްރިކުއެންސީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ކުރިއަށް އޮތް މަހުގެ ކުރީކޮޅުން ފެށިގެން ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓަށް އަމާޒުކޮށް ވަރުގަދަ މާކެޓިންގ ހަރަކާތްތަކެއް ހިންގާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އެކަމަށް ކުރަން ޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި އަޅުގަނޑުމެން މި ދަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއެކު އިތުރު އެއާލައިންތަކުގެ ފްރިކުއެންސީ އިތުރު ކުރުމާއި، އިތުރު ސަރަހައްދުތަކުން ރާއްޖެ އެއާލައިންތައް ހެދުމާއި، ހާއްސަކޮށް މިވަގުތު އެންމެ ފޯކަސް ކޮށްގެން މަސައްކަތް ކުރަން ޖެހޭ ތަންތަނަކީ، ޗައިނާ، އިންޑިއާ އަދި ރަޝިޔާ ކަަމަށް ވާތީ އެތަންތަނުން އިތުރު ފްލައިޓްތައް އެޅުމުގެ މަސައްކަތްތައް، ފްރިކުއެންސީ އިތުރު ކުރުމުގެ މަސައްކަތްތައް، އެކަމަށްވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބުނު،”. ވަޒީރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުވާލަކު ގާތްގަނޑަކަށް 19 ވަރަކަށް ފްލައިޓް ކެންސަލްވަމުންދާ ކަމަށާއި، މީގެ ސަބަބުން ދުވާލަކު 2،000 އާއި 3،000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން މަދުވާ ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް ބޮޑު ނުތަނަވަސްކަމެއް އޮތް ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ހާލަތުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، އެއިރޯފްލޮޓްގެ 14 ފްލައިޓެއް އިތުރުކުރުމާއި، އެއާ އިންޑިއާގެ ދަތުރުތައް ދެގުނަ ކުރުމުގެ އިތުރުން، އިއްތިހާދު އެއާވޭސްއިންވެސް ދަތުރުތައް އިތުރުކުރުމަށް ހަމަޖެހިފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ. އަދި އެއާ އޭޝިއާގެ ދަތުރުތަކަށް ބޮޑެތި ބޯޓުތައް ބޭނުންކުރުމުގެ މަޝްވަރާތައް ނިމުމަކަށް އައިސްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
“ޔޫރަޕާއި ޔޫއެސްއޭއިން އަންނަ ފްލައިޓްތަކަށް، ޔޫރަޕުން އަންނަ ކަނެކްޝަން ގެނައުމަށްޓަކައި، އިއްތިހާދުންވެސް މާދަމާ ނޫން އަނެއް ދުުވަހުން ފެށިގެން ޑަބަލް އެއިލީ އޮޕަރޭޓް ކުރަމުންދާނެ، އެއާ އޭޝިއާއިން އަންނަ ނެރޯ ބޮޑީގެ ބަދަލުގައި ވައިޑް ބޮޑީގެ އެއާ ކްރާފްޓެއް ގެނައުމުގެ މަސައްކަތްވެސް އެބަ ކުރައްވާ، އެވެސް ގާތްގަނޑަކަށް ނިމުމަކަށް އައިސްފައި،”. އަމީން ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، ސަރުކާރުން ކުރަމުންދާ މި ހަލުވި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ހަފްތާތަކުގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ލޮޅުންތައް ކުޑަވެ، އިގްތިސާދީ ގޮތުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމުގެ އުންމީދު ބޮޑެވެ.