ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ތެޔޮ ލިބުމުގެ އެއްވެސް ދަތިކަމެއް ނެތް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އިސްކަމަކީ ތެލުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުން ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ މަސްރަހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަމީރު ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ކަމަށްވާ ކާނާއާއި، ބޭހާއި، ތެޔޮ އިމްޕޯޓް ކުރުމުގެ ކަންކަން އެއްވެސް ހުރަހެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފޮނުވަންޖެހޭ ފައިސާވެސް ދަތިކަމެއް ނެތި ފޯރުކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ތެލުގެ އަގާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
“ޓާމިނަލުން ގަންނަ އަގަށް ބަލާއިރު، ހަނގުރާމަ ފެށުނުއިރު ހުރި އަގަށް ވުރެ ޑަބަލް ބޮޑުވެފައި އެ ހުރީ، މިސާލަކަށް ނޫސްތަކުން ފެނިދާނެ 100 ޑޮލަރަށްވުރެ މައްޗަށް ގޮސްފިއޭ، 100 ޑޮލަރު އެއީ އަސްްލު ކްރޫޑް އޮއިލް، އެކަމަކު މީގެ އަގު ޑަބަލް ޕްރައިސް މަތީގައި ހުންނާނީ، ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފި،”. ޒަމީރު ވިދާޅުވިއެވެ.
މިގޮތުން ތެލުގެ އަގު ހިފެހެއްޓުމަށްޓަކައި ސަރުކާރުން ސަބްސިޑީ ދިނުމުގެ އިތުރުން، އެސްޓީއޯއަށް ލިބޭ ފައިދާގެ ތެރެއިން ބައެއް “ކްރޮސް ސަބްސިޑައިޒް” ކޮށްގެން އަގުތައް ކޮންޓްރޯލް ކުރުމަށް ރާވާފައިވާ ކަމަށްވެސް ޒަމީރު ހާމަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް ބަލައި، ތެޔޮ ހޯދުމުގައި ވަކި ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެކަން “ޑައިވާސިފައި” ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކައިރި ގައުމުތަކުންނާއި އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ ރިޒާވް ބެލެހެއްޓުމާއި، އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ހަލީލް ވިދާޅުވީ، ރާއްޖެއަށް ތެޔޮ ގެންނަ މައިގަނޑު ސަރަހައްދަކީ މެދުއިރުމަތިން ކަމަށްވުމުން، އެ ސަރަހައްދު ބަންދުކޮށްފައި އޮތުމުން ކައިރި ގައުމުތަކާއި އަދި އެހެންވެސް ގައުމުތަކުން ރާއްޖެއަށް ތެޔޮ ލިބޭނެ އިތުރު މަގުތައް ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ތެލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެހެން ގޮތްގޮތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.