މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރި މުދަލުގެ ތެރެއިން، ނިމިދިޔަ ހަފްތާގައި ޖުމްލަ 1،199 ކޮންޓެއިނަރުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކްލިއާކުރި ކޮންޓެއިނަރުތަކުގެ ތެރޭގައި އާންމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ގިނަ ބާވަތްތަކެއް ހިމެނޭއިރު، އެންމެ ގިނައިން ކްލިއާކޮށްފައި ވަނީ ކުކުޅު ބިހެވެ. އެގޮތުން 21،761 ޕެކޭޖުގެ ބިސް ވަނީ ކްލިއާކޮށްފައެވެ. އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދައިގަ އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ފިޔައާއި ބިހެވެ. އެގޮތުން މިދިޔަ ހަފްތާގައި 12،925 ޕެކޭޖުގެ ފިޔާ އަދި 25،552 ޕެކޭޖުގެ ބިސް ވަނީ ކްލިއާކޮށްފައެވެ.
ހަމައެއާއެކު ރާއްޖެއަށް މުދާ އެތެރެކުރާ ދެ ކޮންޓެއިނާ ވެސެލް އަދި ހަތް ޖެނެރަލް ކާގޯ ވެސެލްގެ މުދާ އެމްޕީއެލުން ވަނީ ކްލިއާކޮށްފައެވެ. އެގޮތުން ކޮންޓެއިނާ ވެސެލްއިން 1،105 ޓަނުގެ މުދާ ކްލިއާކުރިއިރު 429 ޓަނުގެ ޖެނެރަލް ކާގޯ ވަނީ ކްލިއާކޮށްފައެވެ.
މިވަގުތު ޕޯޓްގައި ހަތަރު ކޮންޓެއިނާ ވެސެލް އޮތްއިރު މިދިޔަ ހަފްތާތެރޭ ތިން ވެސެލް ވަނީ ފުރާފައެވެ. އަދި ޖެނެރަލް ކާގޯ 10 ވެސެލް މިދިޔަ ހަފްތާ ފުރާފައިވާއިރު، ޕޯޓުގައި އަދި އަށް ކާގޯ ވެސެލް އެބައޮތެވެ.
މީގެ އިތުރުން ކްލިއާކުރި ބާވަތްތަކުގެ ތެރޭގައި އަލުވި، ޓޮމާޓޯ، ކެބެޖް، އަލަނާސި، ދޮންކެޔޮ، ބަރަބޯ، ސްވީޓް މެލަންގެ އިތުރުން ގިނަ ބާވަތްތަކުގެ ތަރުކާރީއާ މޭވާ ހިމެނެއެވެ.
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް މާލޭ ވިޔަފާރި ބަނދަރުން ގިނަ އަދަދެއްގެ މުދާ އެތެރެކުރެއެވެ. ވަކިން ހާއްސަކޮށް، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އެތެރެކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެއެވެ.
އެހެންކަމުން މި އަހަރުގެ ރަމަޟާން މަހުވެސް ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަވަހަށް ވިޔަފާރިވެރިންނަށް ކްލިއާ ކުރެވޭނެ މަގު ފަހިކުރުމަށް އެމްޕީއެލްގެ އޮޕަރޭޝަންސްގެ ޓީމުތަކުން ކެނޑިނޭޅި ދަނީ މަސައްކަތްކުރަމުނެވެ