ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ އެމްބިއުލާންސްތައް ދެމެހެއްޓެނިވި ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ރަށްރަށުގައި ހުރި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމެވެ. ބައެއް ރަށްރަށުގައި އެމްބިއުލާންސްތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން، ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާކަން ހެލްތު މިނިސްޓްރީންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، އެމްޕީއެލްއާ އެކު ވެވުނު މި އެއްބަސްވުމުގެ ދަށުން މި އުޅަނދުތައް ގަވާއިދުން ބަލަހައްޓައި، މަރާމާތު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެއެވެ.
މީގެ އިތުރުން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ރާއްޖެއަށް އާ އެމްބިއުލާންސްތައް ގެނައުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ވަނީ އެމްޕީއެލްއާ ހަވާލުކޮށްފައެވެ.
ހެލްތު މިނިސްޓްރީން މިހާރު އިތުރު 14 ރަށަކަށް އާ އެމްބިއުލާންސް ހަވާލުކޮށްފައިވެއެވެ. މި ރަށްތަކަށް އެމްބިއުލާންސްތަކުގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. އަދި ސިއްހީ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިދިޔަ ޖެނުއަރީ މަހު އެކަނި ވެސް 56 ރަށަކަށް ވަނީ އެމްބިއުލާންސް ފޯރުކޮށްދީފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އިތުރު ރަށްތަކަށް އެމްބިއުލާންސް ފޯރުކޮށްދިނުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށްދާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.