ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި، އެމަނިކުފާނުގެ ތާއީދު އޮތީ ހަމައެކަނި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގައި މިއަދު ކުރިއަށްގެންދިޔަ “ދޮރުން ދޮރަށް” ހަރަކާތް ނިންމަވާލެއްވުމަށްފަހު މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. މާލޭގެ ހުރިހާ ދާއިރާތަކަކާއި ވިލިމާލޭގައިވެސް މި ހަރަކާތް ކުރިއަށް ގެންދެވުމަށްފަހު، މިއަދު ރައީސް ވަނީ ހުޅުމާލޭގެ އެކި ދާއިރާތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.
މިހާތަނަށް ދޮރުން ދޮރަށް ހަރަކާތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވާފައިނުވި ނަމަވެސް، މިއަދު ހާއްސަ ވާހަކަފުޅެއް ދައްކަވަން ޖެހުނީ ހުޅުމާލެ ދެކުނު ދާއިރާއިން ފާހަގަވި މުހިންމު ކަމަކާ ގުޅިގެން ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ ދާއިރާގެ ބައެއް ގޭގެއަށް ޒިޔާރަތް ކުރެއްވުމުން، އެމްޑީޕީގެ ކެންޑިޑޭޓަށް ރައީސްގެ ތާއީދު އޮތް ކަމަށް ބުނެ އެ ކެންޑިޑޭޓު ވާހަކަ ފަތުރަމުންދާތީ، އެކަން ސާފުކޮށްދިނުމަށް ރައްޔިތުން އެދިފައިވާ ކަމަށެވެ.
“ހާއްސަކޮށް މި ދާއިރާގައި އަޅުގަނޑަށް ހަބަރުތަކެއް ލިބެނީ އެމްޑީޕީގެ ޓިކެޓުގައި ހުރި ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެބޭފުޅާއަށް ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި،” ޕީއެންސީގެ ޓިކެޓުގައި ހުޅުމާލެ ދެކުނު ދާއިރާއަށް ނުކުންނަވާ ކެންޑިޑޭޓު އަހުމަދު އުބައިދު (އުބޭ) ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ލިބެން ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.
އަންނަ މަހުގެ 4 ގައި އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލެވޭ މީހުންގެ ފައިނަލް ލިސްޓު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ އާންމުކޮށްފައެވެ. ލިސްޓްގައިވާ ގޮތުން ޖުމްލަ 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި 1،592 އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ. މި އިންތިހާބުގައި އެންމެ ގިނަ އިން ކެންޑިޑޭޓުން ނެރުނީ ޕީއެންސީންނެވެ. ދެވަނަ އަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރުނީ އެމްޑީޕީންނެވެ.
“ޖުމްލަކޮށް ވެސް ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓުންނަށް، ޕީއެންސީ ކެންޑިޑޭޓުންނަށް. އެމްޑީޕީ ނޫނީ އެހެން އެއްވެސް ޕާޓީއެއްގެ. އަޅުގަނޑަކީ ޕާޓީގެ ނިޒާމު ގަބޫލު ކުރާ މީހެއް،” ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ބަޔާންކުރެއްވި ގޮތުގައި، އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަކަށް ނުވަތަ އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދެއް ނެތެވެ. އަދި ބައެއް ފަރާތްތަކުން ފަތުރަމުންދާ އެފަދަ ދޮގު ވާހަކަތަކަށް ރައްޔިތުން ސަމާލުވެ، އެފަދަ ވާހަކަތައް ގަބޫލުނުކުރުމަށްވެސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންނާއި ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.