ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުން އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ފޭރުނު މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ހުރި ބްރީފްކޭސް ފޭރުމަށްފަހު، އެ މީހުން ފިލާފައިވަނީ އެއާޕޯޓުގައި ތައްޔާރަށް އޮތް ލޯންޗެއްގައެވެ. ފުލުހުން ހަމަ އެދުވަހު އެ ލޯންޗު ހޯދައި، މި ކަމުގައި ތުހުމަތުކުރެވޭ ބައެއް މީހުން ހައްޔަރުކުރި އެވެ.
ފޭރިގަތް ބްރީފްކޭހުގައި ގިނަ އަދަދެއްގެ ބޭރު ފައިސާއާއި ދިވެހި ފައިސާ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ:
- 106,120 ޔޫއެސް ޑޮލަރު
- 4,900 ޔޫރޯ
- 1,735 ޕައުންޑް
- 334,000 ޖަޕަނީސް ޔެން
- 2,610 ސިންގަޕޯރ ޑޮލަރު
- 1,345 އޮސްޓްރޭލިއަން ޑޮލަރު
- 10,420 ހޮންގކޮންގް ޑޮލަރު
- 23,778 ދިވެހި ރުފިޔާގެ އިތުރުން އެހެނިހެން ބައެއް ގައުމުތަކުގެ ފައިސާއެވެ.
ދައުވާ އުފުލާފައިވާ މީހުންނާއި ދައުވާތައް:
- އަހުމަދު މާހިދު (ތ. ވިލުފުށި): ފޭރުމުގެ ކުށުގެ ދައުވާގެ އިތުރުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ.
- އަލީ އަފްޒަލް (ސ. ހިތަދޫ): ފޭރުމުގެ ކުށުގެ ދައުވާއާއި، ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދައުވާ
- އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (ގއ. ވިލިނގިލި): ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ.
މީގެ އިތުރުން ހުސައިން ޝަހުދު (ކ. ގުރައިދޫ)، މާޒިން މޫސާ (ލ. މާވައް)، އަހުމަދު ރައިހާން ނައީމް (މ. ކޯރަސް)، އިބްރާހީމް އަނޫފް (ކ. ގުރައިދޫ) އަދި އިސްމާއީލް ސިރްހާން (ރ. މަޑުއްވަރި) ގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
ޕީޖީ އޮފީހުން ބުނީ، މި ޖިނާއީ ދައުވާތަކުގެ އިތުރުން، މި އަމަލުގެ ސަބަބުން ބީއެމްއެލްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ދައުވާ ލިބޭ މީހުންގެ އަތުން ނަގައިދިނުމަށްވެސް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.