މޯލްޑިވްސް ގާލް ގައިޑްސް އެސޯސިއޭޝަންގެ ޔަންގް ލީޑަރުން އިސްނަގައިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ “ކޮމިއުނިޓީ ޕްރޮޖެކްޓް” މިއަހަރުވެސް ބޭއްވުމަށް ތައްޔާރީތަކެއްވެ ނިމިއްޖެއެވެ.
މިއީ 2000 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މި ޕްރޮޖެކްޓް ބާއްވާ 27 ވަނަ އަހަރެވެ.
މި ޕްރޮޖެކްޓުގެ ދަށުން މިއަހަރުގެ އަޟްޙާ އީދުގެ ވަޅު އީދު ދުވަހު، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ އެ މަރުކަޒުގައި ދިރިއުޅޭ ފަރާތްތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ޢީދުގެ އުފަލުގައި އެފަރާތްތައް ބައިވެރިކުރުމެވެ. މިގޮތުން، މަރުކަޒުގެ ބައިވެރިންނަށް ޢީދު ހަދިޔާ ދިނުމާއި، އެކި ފަންނާނުންނާއެކު މުނިފޫހިފިލުވުމުގެ ތަފާތު ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ޕްރޮޖެކްޓަކީ ހަމައެކަނި އެއްދުވަހުގެ ހަރަކާތެއް ނަމަވެސް، މީގެ ތައްޔާރީތައް ރަމަޟާން މަހުގެ ކުރިން ފެށިގެން ޔަންގް ލީޑަރުން އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި މަރުކަޒަށް ބޭނުންވާ ތަކެތީގެ ލިސްޓު ތައްޔާރުކުރުމާއި، މާލީ އެހީ ހޯދުމަށް ކުންފުނިތަކަށް ސިޓީ ފޮނުވުމާއި، މީސްމީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެކި ޓީވީ ޗެނަލްތަކަށް ޒިޔާރަތްކޮށް މި ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ވަނީ ޢާންމުންނަށް ހިއްސާކޮށްފައެވެ.
މި ޕްރޮޖެކްޓުގެ ސަބަބުން މަރުކަޒުގައި ތިބޭ ފަރާތްތަކަށް އެއީ މުޖުތަމަޢުގެ މުހިންމު ބައެއްކަން އިހުސާސްވެ، ނަފްސާނީ ގޮތުން ހިތްހަމަޖެހުން ލިބިގެންދާނެއެވެ. ހަމައެއާއެކު، މި ޙަރަކާތުގައި ބައިވެރިވާ ޒުވާން ލީޑަރުންނަށް އޯގާތެރިކަމާއި އިޖުތިމާއީ ޒިންމާގެ އައު ތަޖުރިބާތަކެއް ލިބިގެންދާނެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ އަހަރަކުވެސް މި ހާއްސަ އިވެންޓުގައި ރާއްޖޭގެ ފަސްޓް ލޭޑީ ބައިވެރިވެވަޑައިގަންނަވައެވެ.
މި ޕްރޮޖެކްޓަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް މާލީ ގޮތުންނާއި ތަކެތީގެ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މާލީ އެހީތެރިކަން ދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ދީފައިވާ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރެއްވޭނެ ކަމަށް ގާލްގައިޑް އެ އެސޯސިއޭޝަނުން ވަނީ ބުނެފވެ.
މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ނުވަތަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސޯސިއޭޝަންގެ ވައިބާ ނަންބަރު 7938472 އަށް ގުޅުއްވުމުން ނުވަތަ މީސްމީޑިއާގެ ޕޭޖުތަކުން ފޯމު ފުރުއްވުމުން ކުރިއަށް ދެވޭނެއެވެ. މި ޕްރޮޖެކްޓަށް އާންމުންގެ ފަރާތުންނާއި ބޮޑެތި ކުންފުނިތަކުން ލިބޭ އެއްބާރުލުން ފާހަގަކޮށް ގާލް ގައިޑްސް އެސޯސިއޭޝަނުން ވަނީ ޝުކުރުއަދާކޮށްފައެވެ.