ކުރިއަށް އޮތް ފިތުރު އީދުގެ އުފާ ފާޅުކުރުމަށްޓަކައި، އާއިލާތަކަށް އެކުވެރި މާޙައުލެއްގައި ބައިވެރިވެވޭ ގޮތަށް “އީދު ހަވީރު 1447” ގައުމީ ފެންވަރުގައި ތިން ދުވަހުގެ މުއްދަތަށް ބޭއްވުމަށް ސަރުކާރުން ނިންމައިފިއެވެ.
މިދިޔަ އަހަރުތަކެކޭ އެއްފަދައިން ބާއްވާ މި ހަރަކާތް ކުރިއަށްދާނީ ފިތުރު އީދު ދުވަހުން ފެށިގެން ތިން ދުވަހުގެ ނިޔަލަށެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން ވިލަރެސްކުރާ މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 ކުންފުންޏަކުން (އެސްއޯއީ) ބައިވެރިވާނެއެވެ. “ޢީދު ހަވީރު 1447” ގެ ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަރަކާތްތައް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި މި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ހިމެނޭ ސަރަހައްދުގައެވެ. ހުޅުމާލޭގައި ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާއިރު، ވިލިމާލޭގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެ އަވަށުގެ ފުޓްބޯޅަ ދަނޑުގައެވެ. މީގެ އިތުރުން، ޢީދު ދުވަހުގެ މުނާސަބަތުގައި ސަލްޓަން ޕާކް އާންމުންނަށް ހުޅުވާލުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.
އެމްއެންޑީއެފުން ބުނިގޮޔތުގައި މި އަހަރުގެ ޢީދު ހަވީރުގައި ކުޑަކުދިންނާއި ބޮޑެތިމީހުންނަށް ގަޔާވާނެ ތަފާތު ގޭމްތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގެ އިތުރުން ޢީދު ހަދިޔާ ދިނުންވެސް އޮންނާނެއެވެ. ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުން ތަފާތު ތީމްތަކަށް ސްޓޯލްތައް ތައްޔާރުކޮށް، ތަފާތު ތަޖުރިބާތަކެއް އާންމުންނަށް ފޯރުކޮށްދޭނެއެވެ. ހާއްސަގޮތެއްގައި އެމްއެންޑީއެފްގެ ފަރާތުން ސިފައިންގެ ޔުނިފޯމްތަކާއި، އޮޕަރޭޝަންތަކުގައި ބޭނުންކުރާ ހަތިޔާރުތަކާއި އުޅަނދުތައް ދައްކާލައި، އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެއެވެ.
މި ހަރަކާތުގައި ބައިވެރިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ. މިދިޔަ އަހަރު މި ހަރަކާތަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބަށް ރިއާޔަތްކޮށް، މިއަހަރުގެ އީދު ހަވީރު ވެގެންދާނީ އިތުރަށް ފުރިހަމަ އަދި ކުލަގަދަ ހަރަކާތަކަށް ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.