މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އުފެއްދުންތައް ޖަޕާނުގެ މާކެޓުގައި އިތުރަށް ފުޅާކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ޖަޕާނު ސަރުކާރުގެ އިދާރާއެއް ކަމަށްވާ ޖަޕާން އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަން (ޖެޓްރޯ) އާއެކު މިއަދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށްދިޔައީ މިފްކޯގެ ވަފުދެއް މިހާރު ޖަޕާނުގެ ޓޯކިޔޯއަށް ކުރަމުންދާ ދަތުރުގެ ތެރެއިން، ޓޯކިޔޯގައި ހުންނަ ޖެޓްރޯގެ މައި އިދާރާގައެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ޖަޕާނު މާކެޓުގައި މިފްކޯގެ ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށާއި، މިކަމުގައި ޖެޓްރޯގެ ފަރާތުން ފަންނީ އަދި އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާ ގުޅޭގޮތުންނެވެ.
މި މުހިންމު މަޝްވަރާ ބައްދަލުވުމުގައި މިފްކޯގެ ފަރާތުން ބައިވެރިވެވަޑައިގަތީ ސްޓްރެޓެޖިކް ކޮންސަލްޓެންޓް އާޠިފް ޝަކޫރާއި، ކޯޕަރޭޓް އެފެއަރޒް ޖެނެރަލް މެނޭޖަރ އާމިނަތު ސަނިއްޔާ ޝަރީފެވެ. މީގެ އިތުރުން، ޖަޕާނުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަރާތުން، އެމްބަސީ ހިންގުމާ ޙަވާލުވެވަޑައިގެން ހުންނެވި ޑެޕިޔުޓީ އެމްބެސެޑަރ އަޙްމަދު ޢާދިލާއި ސެކަންޑް ސެކްރެޓަރީ ޙައްވާ ސަމްޙާވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މިފްކޯއިން ބުނި ގޮތުގައި، މިއީ ދުނިޔޭގެ ބޮޑެތި އަދި މުހިންމު މާކެޓުތަކުގައި ދިވެހި މަހުގެ އުފެއްދުންތަކަށް އޮތް ފުރުޞަތުތައް ފުޅާކޮށް، ކުންފުނީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ. ޖަޕާނަކީ ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ބޮޑު ތަރުޙީބެއް އޮންނަ މާކެޓަކަށް ވާއިރު، މިފަދަ މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި މިފްކޯގެ ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.