ކަނޑުމަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. ތަރިޖެހިއާގެ، މާލެ، ޢިސްމާއީލް އަބާން އަބްދުﷲ (25އ) އާއި ސ. މަރަދޫ، ރަތްމާގެ، އަހުމަދު ދާން ފަރްހޫދު (19އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން މި މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. މި މީހުން ހައްޔަރުކޮށް، އެމީހުންގެ ބަލައިފާސްކުރިއިރު ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މީގެ ދެ ދުވަސް ކުރިންވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށާއި، މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ދަނީ ވަރުގަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތައް އަތުލައިގަތުމަށް ހިންގާ އޮޕަރޭޝަންތައް މިހާރު ވަނީ ކުރިއަށްވުރެ އިތުރުކޮށްފައެވެ.