ކައުންސިލްތަކުގެ ބާރު ކަނޑާލައި ސަރުކާރުން ހުރިހާކަމެއް ކުރުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް ޕީއެންސީން އިއްޔެ ބޭއްވި ސައިކަލު ބުރު ނިއްމާލުމަށް ފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވިގޮތުގައި ރަށްރަށުގައި ހުރި ކޮންމެ ކަމަކީ އަަދި ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން، ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ބޮޑު ފައިދާއެއް ލިބޭނީ ރައްޔިތުންނަށެވެ. މިކަމުން އެނގިގެން ދަނީ ރަށްތައް ތަރައްގީ ކުރުމުގައި ކައުންސިލްތަކުން އަދާކުރަންޖެހޭ ދައުރު ބޮޑުކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އެހެންވެ، މި ނިޒާމު އިތުރަށް ވަރުގަދަ ކުރުމުން ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ކަމަށާއި، މިކަން މިފަދައިން ކުރުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި ކައުންސިލްތަކުގެ ބާރު ކަނޑުވާލައި ސަރުކާރުން ހުރިހާ ކަމެއްކުރުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
“ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ސަރުކާރުން ހުރިހާ ކަމެއް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ހަމައެއް ނޫން. ރަށްރަށުގައި ކުރަން ހުރި ކޮންމެ ކަމަކީ ސިޓީތަކުގައި ކުރަން ހުރި ކޮންމެ ކަމެއް ލާމަރުކަޒީ އުސޫލުގެ ތެރެއިން ނިޒާމުގެ ތެރެއިން ކުރިއަށް ގެންދެވިއްޖެ ނަމަ، އޭގެ އެންމެ ހެވާއި ލާބަ ރައްޔިތުންނަށް ލިބޭނެ.” ރައީސް ވިދާޅުވެފައިވެއެވެ.
ކޮންގްރެސް ޕާޓީން އަންނަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން ރަށްރަށުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މާލޭ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެސް ގެންދަވަނީ އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުގައެވެ.