ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ނުބޭއްވުމަކީ ގާނޫނު އަސާސީ ފަރުމާކުރި މުސައްނިފުންގެ ވިސްނުމެއް ނޫން ކަމަށާއި، އެމްޑީޕީން މިކަމުގައި ރައްޔިތުންނަށް ހަގީގަތް އޮޅުވާލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، އެމްޑީޕީން ދެ އިންތިހާބު އެކީ ބޭއްވުމާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ކަމެއް ހަނދާން ނެތިގެން އުޅޭ ބައެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ.
“އެމްޑީޕީން އޮޅުވާލި ފުރަތަމަ އޮޅުވާލުމަކީ ދެ އިންތިހާބު އެއްކޮށްލަނީއޭ ބުނުން، ދެ އިންތިހާބަކީ ވަކިވަކިން ބާއްވާ ދެ އިންތިހާބު، ހަމައެކަނި އެއް ދުވަހަކު ބާއްވާކަން އެކަނި، އެއް ދުވަހަކުން ބޭއްވީމަ އަޅުގަނޑުމެންނަށް ލިބޭނެ ފައިދާތަކެއްވެސް އެބަހުރި އެއީ އަޅުގަނޑުމެންނަށް ތަފާސްހިސާބުތަކުން ފެންނަން އެބަ އޮތް، ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ގިނަކަން މަޖިލީސް އިންތިހާބަށް ވުރެ،”. ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، އޭނާއަކީ ގާނޫނު އަސާސީ އިސްލާހުކުރި ހާއްސަ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ބޭފުޅެކެވެ. އެ މަޖިލީހުގައިވެސް ދެ އިންތިހާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި ބަހުސްކޮށް ވޯޓަށް އަހާފައިވާކަން އޭނާ ހަނދާންކޮށްދެއްވިއެވެ. އަދި އޭރު ރައްޔިތުން ނިންމެވީ އެގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.
ދެ އިންތިހާބު ބާއްވާ ތާރީހު ފަރަގުވެގެން ދިޔަ ސަބަބު ބަޔާންކޮށްދެއްވަމުން ނާޒިމް ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނު އަސާސީ ތަސްދީގުވުމަށްފަހު، މިނިވަން މުއައްސަސާތައް އުފައްދައި، އިންތިހާބާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމަށް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ. އެ ސަބަބާހުރެ 2009 ވަނަ އަހަރުގެ މެއި މަހާ ހަމައަށް މަޖިލީސް އިންތިހާބު ލަސްވެގެން ދިޔައީ ކަމަށާއި، އެއީ ގާނޫނު އަސާސީ ފަރުމާކުރި މީހުންގެ އަސްލު މަގްސަދެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގައިވަނީ ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބު އެކީގައި ބޭއްވުމަށާއި، މަޖިލީހުގެ އުމުރަކީ ކޮންމެ ފަސް އަހަރަކުން ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން ގުނާ މުއްދަތެއް ކަމަށް ކަނޑައެޅުމަށެވެ.
ދެ އިންތިހާބު އެއް ދުވަހަކު ބޭއްވުމުން ލިބޭނެ ފައިދާތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވޯޓުލާން ނުކުންނަ މީހުންގެ އަދަދު ގިނަވުމުން، މަޖިލީސް މެންބަރުން ހޮވުމުގައިވެސް ގިނަ ރައްޔިތުންގެ ބައިވެރިވުން ލިބިގެންދާނެ ކަމަށެވެ. އަދި މިއީ އިންޑޮނޭޝިއާ، ތުރުކީ، މެކްސިކޯ އަދި ސީޝެލްސް ފަދަ ގައުމުތަކުގައިވެސް ކާމިޔާބުކަމާއެކު ކުރަމުންދާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“މިއީ ހަމަ އަޅުގަނޑުމެން ހެޔޮހިތުން އިހުލާސްތެރިކަމާއި އެއްކޮށް ރައްޔިތުންނަށްޓަކައި ކޮށްދޭ ކަމަކަށްވާތީ، ރައްޔިތުން އެކަން ބަލައިގަންނާނެއޭ، އަޅުގަނޑުމެން މި ފެންނަ ނުފެންނަ ވޯޓު ކާމިޔާބު ކުރާނީ ރައްޔިތުންނަށް ކޮށްދޭ ހެޔޮކަމެއްގެ ގޮތުން، ރައްޔިތުން ބުނާ އަޑު އެހުމަކީ އަޅުގަނޑުމެން އުފާވާނެ ކަމެއް، އަޅުގަނޑުމެން އެއްގޮތަކަށްވެސް ލަދުގަންނަން ޖެހޭ ކަމެއް ނޫން، ކަންބޮޑުވާން ޖެހޭ ކަމެއް ނޫން،”. ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިއީ ރައްޔިތުންނަށްޓަކައި ހެޔޮ ނިޔަތުގައި ކުރާ އިހުލާސްތެރި މަސައްކަތެއް ކަމަށާއި، މި ބަދަލު ރައްޔިތުން ބަލައިގަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިއީ ދުނިޔޭގައި އަލަށް ކުރަން އުޅޭ ކަމެއް ނޫން ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.