ދިވެހި ސަރުކާރުން ކުރިއަށް ގެންދާ ވަތަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.
މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ ހިތްތަކުގައި ގައުމިއްޔަތާއި އިސްލާމްދީނަށް ލޯބި ޖައްސައި، ކާރިސާތަކާއި ގޮންޖެހުންތަކުގައި ގައުމަށް ޚިދުމަތްކުރާނެ ހަރުދަނާ ޖީލެއް އުފެއްދުމުގެ މަގުސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
ތިން މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަހު ހަފުތާގައި ޅ. މާފިލާފުށީ ހުންނަ ޓްރެއިނިން ސެންޓަރުގައެވެ. އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް އޮންލައިންކޮށް ވެސް ހުށަހެޅޭނެއެވެ. އަދި ބަންދު ނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ރިސެޕްޝަނަށް ވެސް ފޯމު ހުށަހެޅޭނެއެވެ.
ވަތަނީ ޚިދުމަތުގެ ފުރަތަމަ ބެޗުގައި 350 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރެއިން 346 ދަރިވަރުން ވަނީ މިދިޔަ ޑިސެންބަރު މަހު ދަސްވެނިވެފައެވެ. ދެވަނަ ބެޗުގެ 350 ދަރިވަރުން ޖަނަވަރީ މަހު ވަނީ މާފިލާފުއްޓަށް ފަރިތަކުރުންތަކަށް ފުރާފައެވެ.