ކ.ހުރާގެ ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުކޮށްފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނަޖާހު އަދި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ.އަލީ އަޒްވަރެވެ.
މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ.އަނާރާ ނައީމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި އެއްބަސްވުމާއެކު މާލެ އަތޮޅާއި، އއ އަދި އދ އާއި ވ.އަތޮޅު ހިމެނޭ ޒޯނުގެ ހުރިހައި ރަށްތަކުގައި ސްޓެލްކޯގެ ހިދުމަތް ދެވެން ފެށިގެންދާނެ ސްޓެލްކޯގެ ޑީއެމްޑީ ޑރ.އަޒްވަރު ވަނީ ވިދާޅުވެފައެވެ. އަދި، ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމާ ސްޓެލްކޯއިން ހަވާލުވެ، ކުރިއަށް އޮތް ތަނުގައި އެ ރަށުގައި ރަނގަޅު ފެންވަރުގެ ހިދުމަތެއް ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ސްޓެލްކޯއިން ވަނީ ދީފައެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރުގެ ވާހަކައިގައި ވަނީ ސްޓެލްކޯއަކީ އޭ ކެޓެގަރީގެ ކުންފުންޏެއް ކަމުގައިވާތީ އެ ކުންފުނިން ލިބޭ ހިދުމަތްތަކަކީވެސް އެ ފެންވަރުގެ ހިދުމަތަކަށްވާނެ ކަމުގައި ޔަގީންކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މާދަމާއިން ފެށިގެން ހުރާގެ ގޭބީސީތަކުގެ ރީޑިން ނެގުމަށްފަހު ދެން ފޮނުވާ ބިލަކީ ސްޓެލްކޯއިން ފޮނުވާ ބިލަކަށްވާނެކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.