ރާއްޖޭގައި ބޭއްވޭ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމަށް ފާޅުގައި ތާއީދުކުރައްވައިފިއެވެ.
މިކަމާ ގުޅޭގޮތުން ގާސިމް އިބްރާހިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ބައްޓަންވެފައިވާ ގޮތަށް ބަލާއިރު، މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ ގައުމުގެ ހަމަޖެހުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ޚާއްޞަކޮށް، ވެރިކަމަށް އަންނަ ކޮންމެ ސަރުކާރަކުންވެސް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް މަސައްކަތްކުރާ ކަމަށާއި، މިހާރު އޮތް ނިޒާމުގެ ތެރެއިން އިންތިޚާބީ ރައީސަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށްޓަކައި ވެރިކަމުގެ ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، މީގެ ކުރިން ބައެއް މަޖިލިސްތަކުން ސަރުކާރަށް ޖެއްސުންކުރުމާއި، ބަޖެޓަށް ހުރަސްއެޅުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށްވެސް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ސިޔާސީ ހަމަޖެހުމަށްޓަކައި މިއީ ކުރަން ލަސްވެފައިވާ ކަމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.
“ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މަޖިލީހުން ގެންނެވި މި އިސްލާޙް ރައީސް ތަސްދީޤް ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، އަޅުގަނޑު އެދެނީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ “ފެންނަނުފެންނަ” ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް “ފެންނަ” ކަމަށް ވޯޓު ދެއްވުން،” ގާސިމް ވިދާޅުވިއެވެ.
މި ބަދަލުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ ފައިދާތަކަށް އަލިއަޅުއްވާލައްވަމުން ގާސިމް ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ. އަދި މި ފައިސާ ރައްޔިތުންގެ އެހެނިހެން ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އިންތިޚާބުތަކާ ގުޅިގެން އުފެދޭ ކޮރަޕްޝަންގެ ތުހުމަތުތަކާއި ސިޔާސީ ހަލަބޮލިކަންވެސް މިކަމުގެ ސަބަބުން ކުޑަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ސަރުކާރުން ނިންމާފައިވާއިރު، މިކަމަށް ސިޔާސީ ބައެއް ލީޑަރުން ދަނީ ތާއީދުކުރަމުންނެވެ.